ޗާގޯސް މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލައިފި
އަލީ ރާޒީ
27 ފެބުރުއަރީ 2026 - 22:50
0 comments
ޗާގޯސްގެ ޖަޒީރާ ރަށްތަކާމެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.
އެ ގައުމުން މިއަދު އާންމުކޮށްފައިވާ ވަޒީރުންގެ މަޖިލީހުންގެ ނިންމުންތަކުގައިވާ ގޮތުން ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ އިލާކާއެއްގެ ގޮތުގައި ބަލައިގަތުން ދިވެހިރާއްޖޭގެ ސަރުކާރުން ހުއްޓާލައި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން އެ ގައުމުގެ ކެބިނެޓުން ވަނީ ފާހަގަކޮށްފަ އެވެ.މިކަމާ ގުޅިގެން، ދިވެހިރާއްޖެއާއެކު އޮތް ހުރިހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރުކުރިން 15 ޖެނުއަރީ 1981ގަ އެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ. މޮރިޝަސްގެ މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.