ޚަބަރު
ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީއަކީ އުމުުރަށް ޖަލަށްލާންޖެހޭވަރުގެ ކުށެއް: ފަލާހު
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ކަނޑުގެ ބައެއް ދޫކޮށްލުމަށް ކުރީ ސަރުކާރުން މޮރިޝަސްއަށް ސިޓީ ފޮނުވުމަކީ، އެންމެ މަތީ ހިޔާނަތު ކުށެއް ކަމަށާއި އެއީ އުމުުރަށް ޖަލަށްލާންޖެހޭވަރުގެ ކުށެއް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ. 

ފާލާހު މިހެން ވިދާޅުވީ، އަރްމީނިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް އިއްޔެ ކުރިއަށްގެންދިޔަ ބަހުސްގެ ތެރެއިންނެވެ.

ފަލާހު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދަކީ ގާނޫނީ ގޮތުން ދަމާލެވިފައިވާ ރާއްޖޭގެ އާކިޕެލޮޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑުގެ އަޑީގައިވާ ބިން ހިމެނޭހެން ކަމަށް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނާ ކަމަށެވެ. އެއިން އެއްވެސް ތަނަކާއި ކުޅެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ވެސް ގާނޫނުއަސާސީ ބުނާ ކަމަށް ފަލާހު ވިދާޅުވި އެވެ. 

ފަލާހު މިފަދައިން ވިދާޅުވިއިރު،  ކަނޑުގެ ބައެއް ދޫކޮށްލުމަށް ކުރީ ސަރުކާރުން މޮރިޝަސްއަށް ސިޓީ ފޮނުވުމަކީ، އެންމެ މަތީ ހިޔާނަތު ކުށެއް ކަމަށް ރައީސް ޑރ. މުއިއްޒު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ޕީއެންސީން ބޭއްވި ދަ ގްރޭޓަރ އައްޑޫ އިވެންޓުގައި ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗާގޯސް މައްސަލާގައި ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތަށް އަލިއަޅުވާލައްވާފައެވެ. ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވަނީ އެކަމަށް މޮރިޝަސް ސަރުކާރުން އެދިގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމައްސަލައިގެ ތަފްސީލްތައް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިމައްސަލައަކީ މޮރިޝަސްއިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އޭރު އާބިޓްރޭޝަންތެރެއިން ރާއްޖެއާއި ދެކޮޅަށް މައްސަލަ ނިމުނަސް އެކަން އިސްތިއުނާފްކޮށް ކާމިޔާބުކުރުމުގެ ފުރުޞަތު ރާއްޖެއަށް ބޮޑުކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން މިކަން ކުރީ، ރައްޔިތުން މަޖިލީހުގައި ނާހާ، ކަނޑައެޅިގެން ޤާނޫނާއި ހިލާފަށް ރައީސް ސޮއިކޮށްފައިވާ ސިޓީއަކުން. އެންމެ މަތީގެ ހިޔާނާތުގެ ކުށަކަށްވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް. އަދި މިކަން ކުރީވެސް ރައްޔިތުންގެ ފައިސާއިން 37 މިލިޔަން ރުފިޔާ ހަރަދުކޮށްފައި. އެންމެ މަތީ ހިޔާނާތުގެ ކުށެއް ނުވަތަ ގައުމަށް ގައްދާރުވުމުގެ ކުށަށް ޚަރަދުވެސް ކުރި". ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް، ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ، މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފަ އޮއްވާ، ޗާގޯސް ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖޭން ބަލައިގަނެ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް 22 އޮގަސްޓު 2022ގައި ސިޓީއެއް ފޮނުއްވި އެވެ.

އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތުކުރީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުން ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން، އެކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) އިން 28 އޭޕްރީލް 2024ގައި ނިންމީ، ރައީސްގެ އެ ސިޓީފުޅުގެ ސަބަބުން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވެވުމަށް ފަހު އޭރުގެ ސަރުކާރުން މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީ އަނބުރާ ގެންދަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މިހާރު އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ގާނޫނީ ޓީމުން މިމައްސަލަ ބައިނަލްއަޤްވާމީ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. މިހާރު މައްސަލަ ނިމިފައިވާ ގޮތުން މައްސަލަ ކާމިޔާބުކުރަން ގޮންޖެހުންތައް ހުރިނަމަވެސް މިކަން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު