ޚަބަރު
އިޓްލޮސް މައްސަލައާ ގުޅިގެން މިދިޔަ ސަރުކާރުގެ އޮފިޝަލުންގެ މައްސަލަ ބަލަނީ!
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުން
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ އިސްތިގްލާލީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަސްލަހަތުގެ ދިފާއުގައި މަސައްކަތް ކުރި ކުރީގެ ސަރުކާރުގެ ވެރިންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖެއިން ބަލައިގަނެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވީ 22 އޮގަސްޓު 2022ގަ އެވެ.

އެ ސިޓީފުޅު ރަސްމީ ސިފައެއްގައި އާންމުކުރީ މި ސަރުކާރުންނެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް 19 ޑިސެމްބަރު 2023ގައި ނެރުނު ބަޔާނާ އެކީގަ އެވެ.

މި މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަމަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ ހުކުމްކޮށްފަ އެވެ.

"ގާނޫނީ މާހިރުން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް، ރާއްޖޭގެ ކަނޑުން ދޫކޮށްލި ބައި އަނބުރާ ހޯދަން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށައިފިން،" މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ކުރީގެ ރައީސް ސޯލިހު، ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަދީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާ ކަމަށާއި އެހެންވެ، އެ ސިޓީ އަނބުރާ ގެންނަން "މި ފަހުރުވެރި ދައުލަތާއި ރައްޔިތުންގެ ހައްގުގައި" ނިންމާފައިވާ ކަމަށެވެ. 

ރައީސް ވަނީ، ރާއްޖޭގެ ކަނޑުގެ ހާއްސަ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ބައި ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ގޮތަށް ކަމަށް ކަނޑައަޅައި އެކަން ވެސް މިއަދު އިއުލާނުކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ކަނޑުގެ ސަރަަހައްދުތަކާ ބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

މޮރިޝަސް އިން ޗާގޯސް ހޯދަން ކުރި މަސައްކަތުގައި އެމްޑީޕީގެ ސަރުކާރުން ދޫ ދިނުމުގެ ސަބަބުން ޗާގޯސް ރާއްޖެއަށް ނުލިބުނީ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. މޮރިޝަސް އަށް ޗާގޯސް ލިބުމުން، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބައި އިޓްލޮސް އިން ދެ ބަހައި އިން ކަނޑައަޅެމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީ ކަމަށް ވެސް ތުހުމަތުކުރެ އެވެ. އަދި އެ ބައި ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު