މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވި ދާއިރާތަކަށް މެމްބަރުން ހޮވަން ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފި އެވެ. 
މި ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށައިފައެވެ. މި ބުރުގައި ފަސް ގޮނޑިއެއްގެ މެދުގައި ވޯޓު ނަގާނެއެވެ. އެއީ ކައުންސިލް ދެ ގޮނޑި އާއި ޑަބްލިއުޑީސީގެ ތިން ގޮނޑިއެވެ.މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވޯޓުލުމުގައި އިންތިހާބު ކުރާންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައި ވާތީ ގަވާއިދުގައިވާ ގޮތުގެ މަތީން އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ވޯޓުލާން ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށެވެ.އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރުގެ ވޯޓުލަނީ ހއ. ކެލާ ޑަބްލިއުޑީސީގެ ރައީސްގެ މަގާމާއި ހދ. ނޭކުރެންދޫ އާއި ލ. މާވަށު ޑަބްލިއުޑީސީ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.އީސީން ކުރިން ބުނެފައި އޮތީ އެ އިންތިހާބުގެ ވޯޓުލުން ބާއްވާނީީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އާދިއްތަ ދުވަހު އެވެ.
އެ ކޮމިޝަނުން އޭރު ބުނި ގޮތުގައި ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފައިނަލް ލިސްޓުގައިވާ މީހުންނާއި 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވާ މީހުން އެކަނި ކަމަށެވެ.