ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެން ދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި، ސަރުކާރުން މިއަދާ ހަމައަށް ވެސް ދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މަސްދޯނި ފަހަރަށާއި މަސް ކުންފުނިތަކަށް ބޭނުންވާ ތެޔޮ ލިބުން ދަތިވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން މިނިސްޓަރު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އޮތް އުނދަގޫ ހާލަތުގައި ވެސް (މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތިކަމުގައި ވެސް) ސަރުކާރުން ޔަގީންކުރާ އެއް ކަމަކީ "ދިވެހި މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެ ކަން ކަށަވަރުކުރުން" ކަމަށެވެ. ސަރުކާރުން އަންނަނީ ތެލުގެ ކަންތައް ވީ އެންމެ ރަނގަޅަކަށް މެނޭޖްކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއް ކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެންދިޔަ ނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށް ވެސް މިގެންދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝިޔާމް ވިދާޅުވި އެވެ.އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށާއި މިހާލަތުގައިވެސް ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން ގާތުން ބަލައި މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން ކަމަށްވެސް ވިދާޅުވިއެވެ.އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.