ޚަބަރު
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ލަސް: ރައީސް
ތިލަމާލެ ބްރިޖު އަޅަން ވިލިމާލެ ފަޅުތެރޭގައި ޖަހާފައިވާ ތަނބުތައް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި އަޅާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ މިންވަރު ވަރަށް ލަސްކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހިތްހަމަނުޖެހުން މިއަދު ފާޅުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންޑިއާގެ އެހީގައި ހަދަމުން އަންނަ ބްރިޖުގެ މަސައްކަތް ހަގީގަތު ވެސް ވަރަށް ލަސް ކަމަށާއި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެމުން އަންނަ ކަމަށެވެ.

"މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ޑޭޓޭއް ދިނިން. އެ ޑޭޓު ދިމައެއް ނުވި. އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް އެއަކު. ދެން މިފަހަރު ރިޔާސީ ބަޔާނުގައި ނުވެސް ގެންނަން އެ ބައެއް. ދެން ޕްރޮޖެކްޓު ނިމުނީމާ އަޅުގަނޑުމެން ވަރަށް އުފާކުރާނަން،" ޗައިނާގެ ހިލޭ އެހީ އަދި ލޯނުގައި ސިނަމާލެ ބްރިޖު އެޅިއިރު އެ މަޝްރޫއު ހިންގި މިނިސްޓްރީގެ މިނިސްޓަރަކަށް އޭރު ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ބްރިޖު ނިންމަން ދީފައި އޮތް ތާރީހަކީ 2027 ކަމަށާއި ކުރިން އޮތީ މި އަހަރު ނިމޭ ގޮތަށް ކަމަށެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވެސް ވަނީ ބްރިޖު މަޝްރޫއު ނިމޭނެ ތާރީހު އަންނަ އަހަރަށް ލަސްވެފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. މިނިސްޓަރު ވެސް ވަނީ އެ މަޝްރޫއުގެ ސްޕީޑު ލަސް ކަމަށް ވިދާޅުވެފަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު