މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ލޭ ރައްކާކުރާ އައިސް އަލަމާރިއަކަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ވެފައިވާއިރު، އޭގައި ބަހައްޓާފައި ހުރި ލޭ ޕެކެޓުތަކެއް ތިން މީހެއްގެ ގަޔަށް އެޅިފައި ވިޔަސް އެއީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައި ހުރި ލޭ ނޫންކަމުގެ ޔަގީންކަން ސިއްހީ ގޮތުން ބަލާއިރު ލިބޭ ކަމަށް އެ އިދާރާ އިން ރޭ ބުނެފި އެވެ. 
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަން ސިއްޙީ ގޮތުން ބަލާއިރު އެނގޭ ކަމަށެވެ.އެގޮތުން މިމަހުގެ 19ވަނަ ދުވަހު މޯލްޑިވްސް ބްލަޑް ސަރވިސްގެ ޚިދުމަތްދީ ނިންމައި މަރުކަޒު ބަންދުކުރިފަހުން ލޭ ރައްކާކުރުމަށް ބަހައްޓާ ފްރީޒަރު ނަންބަރު 2ގައި 6 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގެ ފިނިހޫނުމިނުގައި ލޭ އެޅުމަށް ނެގުމަށް ރައްކާކޮށްފައިވަނިކޮށް 2 ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިވާވެފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ކަމާގުޅޭ 5 މުވައްޒަފަކަށް އެލާޓް ދިޔުމުން 3 މުވައްޒަފަކު ފްރީޒަރު ހުންނަ ކޮޓަރިއަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ، ސްޓޭންޑްބައި ފްރީޒަށް 12 ލޭ ޕެކެޓް ބަދަލުކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.އާންމުގޮތެއްގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަންވާނީ 2 އާއި 6 ޑިގްރީއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމުގައިވިޔަސް ފިނިހޫނުމިން 11 ޑިގްރީ އަރާފައިވާކަން ފާހަގަވުމުން އެ މިންވަރުގައި ހުރީ ކިހާ ވަގުތެއް ވަންދެން ކަމެއް ސިސްޓަމުގައި އޮޓޯއިން ލޮގު ކުރެވިފައިހުރި ރެކޯޑުތައް ބަލައި ޗެކްކުރުމުންވެސް ސިސްޓަމުން ސާފުކުރެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.ނަމަވެސް ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާގޮތަށް 4 ގަޑިއިރު ވަންދެން ރައްކާތެރިކަމާއެކު ފްރީޒަރުގައި ލޭގެ ޕެކެޓްތައް ބެހެއްޓޭނެކަން ސިއްޙީ މިންގަނޑަކުން އެނގެން އޮންނަ ކަމަށާއި އެހެންކަމުން މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.މީގެއިތުރުން ފްރީޒަރަށް މައްސަލަ ދިމާވުމާ ގުޅިގެން އިދާރާއިން ބަލަންޖެހޭ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތުގެ ތެރޭގައި، މިމަހުގެ 20ވަނަ ދުވަހު ތެލަސީމިއާ ސެންޓަރުގައި ލޭއެޅުމަށްޓަކައި ތިބި 3 މީހަކަށް، އެމީހުންނަށް ލޭ އެޅުމުގެ ބޭނުމަށް އޭގެ ކުރީ ދުވަހު ކަނޑައަޅައި ފްރީޒަރުގައި ރައްކާކޮށްފައި ހުރި ލޭ ހެނދުނުގެ ވަގުތެއްގައި އަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ލޭ އަޅާފައިވާކަން ފާހަގަވީ އެމީހުންނަށް ލޭ އަޅާ ނިމުނުފަހުން ކަމަށްވެސް ބުނެފައިވެ އެވެ.އެގޮތުން ކަންހިނގައިދިޔަ ގޮތަށްބަލައި، ލޭ އެޅުމުގައި ޝާމިލްވާ ޚިދުމަތްތެރީން ފާހަގަކޮށް އިހުމާލު ވެފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަޙުޤީޤު ޓީމެއް އެކުލަވާލައި، ތަޙުޤީޤެއް ފަށާފައިވާ ކަމަށާއި އަދި ލޭ އެޅުމުގެ ކަންކަމާ ހަވާލުވެހުރި ފަރާތުން، ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މަޢުލޫމާތު އެންގުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވި މިމަހުގެ 23 ވަނަ ދުވަހު ތަހުޤީގު ބޭނުމަށް އޮފީހަށް ނުކުތުން މަނާކުރެވިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.ބްލަޑް ސާވިސަސް އިން ބުނީ ތިން މީހުންގެ ގަޔަށް ލޭ އެޅުމުގައި ޝާމިލްވި މީހުން ހޯދައި، ތަހުގީގު ކުރަން ވަގުތުން ފެށި ކަމަށެވެ. އެގޮތުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ތަހުގީގު ޓީމެއް އެކުލަވާލައި، މިދިޔަ ހޯމަ ދުވަހު ތަހުގީގު ފެށި ކަމަށް ބަޔާނުގައި ވެ އެވެ.
އަދި އެ ތަހުގީގަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި އެކަކު ތަހުގީގުގެ ބޭނުމަށް އޮފީހަށް ނުކުތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަނާކުރި ކަމަށް ބްލަޑް ސާވިސް އިން ބުންޏެވެ. އެއީ ލޭ އެޅުމުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފެެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މައުލޫމާތު އެންގުމުގައި އިހުމާލުވުން ކަމަށް ބްލަޑް ސާވިސްގެ ބަޔާނުގައި ބުންޏެވެ.
ބްލަޑް ސާވިސަސް އިން ބުނީ، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އާއި ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ ޕެކެޓުތައް އެޅި ތިން މީހުންގެ ތެރެއިން އެކެއްގެ އާއިލާ ހިމެނޭ ގޮތަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ބައްދަލުކޮށް ކަންބޮޑުވުންތައް އަޑު އެހި ކަމަށެވެ. އެ ވަގުތާ ހަމައަށް ހާމަކުރެވެން ހުރި ސައްހަ އަދި ފުރިހަމަ މައުލޫމާތު ފޮރުވުމެއް ނެތި އެ ފަރާތްތަކަށް ދިން ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ.