ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވެސް ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 
އަވައްޓެރި އިންޑިއާ ހިމެނޭ ގޮތަށް ބޭރު ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދޭ މާލީ އެހީ އާއި ލޯނު މި ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށް ވިދާޅުވެ އިންޑިއާގެ ނޫހަކަށް ނަޝީދު އިންޓަވިއުއެއް ދެއްވާފައިވަނިކޮށް ފޮރިން މިނިސްޓްރީން އިއްޔެ ބަޔާނެއް ނެރުނެވެ.ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ނަޝީދަށް ނުސީދާކޮށް ވަނީ ރައްދު ދީފަ އެވެ. ނަޝީދުގެ ނަން ނުގެނެސް، އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން ހާރިޖީ ގުޅުންތައް ހީނަރުވާ ގޮތަށް ދައްކަވާ ވާހަކަތަކުން އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އެހެންވެސް ހުރިހާ ސިޔާސަތުތައް މުތާލިއާކޮށް، ދެނެގަނެ އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ.
"ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ. 30 ޕަސެންޓަށް ވުރެ ތާއިދު ދަށް ކޮށް އޮތް ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން،" މިދިޔަ މަހު އޮތް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް އިޝާރަތް ކުރައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.