ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ކުރިމަތިވަމުން އަންނަކަން ސާފުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ދަނޑިކޮށީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ބީއެމްއެލްގައި ހުރި ރައްޔިތުންގެ ޑޮލަރު ސަރުކާރުގެ ދަރަނި ދެއްކުމަށް ބޭންކުން ސަރުކާރަށް ދީފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބީއެމްއެލްއަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން މަސައްކަތް ކުރަމުންދަނީ ސަރުކާރަށް ދިން ފައިސާ ފޫބެއްދުމަށް ކަމަށެވެ. "ވެމިދިޔަ ގޮތަކީ ދައުލަތުގެ ދަރަނި ދައްކާން ވެގެން ބޭންކުގައި ހުރި ރައްޔިތުންގެ ފައިސާ، ޑޮލަރު ސަރުކާރަށް ދިނީ. ދިނީމާ މިހާރު އަޅުގަނޑުމެންގެ ކާޑަކުން ނުކެނޑޭ ޑޮލަރެއް. އަޅުގަނޑުމެންނަށް އެބަ ސާފުވޭ ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ކުރިމަތިވަމުން އަންނަކަން،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ ސަރުކާރުން ލޯނު އަނބުރާ ދައްކަން ބީއެމްއެލް އިން ފައިސާ ނެގުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ބޭކާރު ހަރަދުކުރުން ހުއްޓުވުން ކަމަށެވެ. އެގޮތުން ރަށްރަށުގައި ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތެއް ނެތި ވަޒީފާތަކަށް ނަގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ނަޝީދު މިފަދައިން ވިދާޅުވިއިރު ބީއެމްއެލް އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރަށް ނުކުންނަން މަސައްކަތް ފަށާފައިވާ ކަމަށް ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް، ބްލޫމް ބާގް އިން ރިޕޯޓްކޮށްފަ އެވެ.އެ ނޫހުން ރިޕޯޓްކުރި ގޮތުގައި ބީއެމްއެލްއިން އެ މަސައްކަތް ފެށީ މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރުން ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ގެއްލުމުން އަރައިގަތުމަށް އެކަމުން އެހީތެރިކަން ލިބޭތޯ އެވެ.
ބީއެމްއެލްގެ ޑިރެކްޓަރް ފޯ ފައިނޭޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން އަބްދުﷲ ހަސަން ބްލޫމްބާގަށް ވިދާޅުވިކަމަށް އެ ނޫހުން ބުނި ގޮތުގައި އޭޝިއާ އާއި މެދުއިރުމައްޗާއި ޔޫރަަޕްގެ ފަންޑް މެނޭޖަރުންނާ އެކު ބީއެމްއެލް އިން ބައްދަލުވުންތައް ބާއްވަމުން އަންނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކަށް ޝައުގުވެރިކަން ހުރި ގޮތެއް ބަލާށެވެ.