ޗެއާޕާސަން އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅީ ނަޝީދުގެ ޓީމަކުން ނޫން: ތަރުޖަމާނު
އެމްޑީޕީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެގޮތަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުން ކުށްވެރިކުރާ ކަމަށް ކެމްޕެއިންގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީން އަންނަ ޖޫން މަހުގެ 12ގައި ޗެއާޕާސަނަކު ހޮވުމަށް އިންތިޚާބު ބާއްވަން މަސައްކަތްކުރާއިރު، އެ މަގާމަށް އެންމެ ބޮޑަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.އެހެންނަމަވެސް، އެ އިންތިޚާބުގެ ޓައިމްލައިން ކަނޑައަޅައިފައިވަނީ ގޯސްކޮށް ކަމަށް ބުނެ، ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުﷲ ޝާއިރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަޅުއްވައިފައެވެ. އޭނާ އެދިފައިވަނީ އިންތިޚާބާ ގުޅޭގޮތުން ނެރެފައިވާ އިއުލާނާއި، އެ އިންތިޚާބުގެ ޓައިމްލައިން ބާތިލުކޮށްދިނުމަށެވެ.އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އިންސާފުވެރިކަމާއެކު ކަންކަން ނިންމާ ޕާޓީއެއް ކަމަށާއި، ޕާޓީގެ އެތެރޭގެ ކަންކަން ނިންމުމަށް ކޯޓުތަކަށް ދިއުމަކީ މަސްލަހަތު ނަގާލުން ކަމަށެވެ. އަދި ކޯޓު މެދުވެރިކޮށް ޕާޓީގެ އަގު ވައްޓާނުލައި، ވޯޓުން މިކަން ނިންމުމަށް އޭނާ ވަނީ ވާދަވެރި ޓީމަށް ގޮވާލައްވާފަ އެވެ.އިންތިހާބު އިއުލާނުކޮށް، ވޯޓާސް ލިސްޓު އާންމުކުރުމަށްފަހު ކޯޓަށް ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން މީކާއީލް ވިދާޅުވީ، އިންތިހާބު ކުރިއަށްދާންވާނީ ކުރިން ކަނޑައެޅިފައިވާ ޑެޑްލައިންތަކާއި އެއްގޮތަށް ޖޫން 12 ގައި ކަމަށެވެ."މެޗު ކުޅެން ފަށާފަ ގޯލް ޕޯސްޓް ބަދަލުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. 2013 ގައި އެމްޑީޕީގެ އާންމު މެންބަރުންވެސް ރާއްޖޭގައި އިންތިހާބެއް ތިން ފަހަރު މަތިން ބާތިލުކޮށް، އިންތިޚާބުގެ ގޯލް ޕޯސްޓާ ކުޅުނު ކުޅުމާ ދެކޮޅަށް އަޅުގަނޑުމެން މަގުމައްޗަށް ނިކުތީ ހަމަ މިސިފަތަކާ އުސޫލުތައް މި ޕާޓީގައި ނެގެހެއްޓުމުގެ ބޭނުމުގައި،" މީކާއީލް ވިދާޅުވި އެވެ.މީކާއިލްގެ އެ ވާހަކައަށް ރައްދު ދެއްވަމުން ނަޝީދުގެ ކެމްޕެއިންގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ ކޯޓަށް ދިޔައީ ނަޝީދުގެ ފަރާތުން ނޫން ކަމަށާއި އެފަދަ ދޮގު ވާހަކަ ފެތުރުމަކީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލި، އަދި އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅޭނެ ކަމެއް ކަމަށެވެ.
"މި ކެމްޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު ޕާޓީގެ އާންމު މެންބަރުންނަށް ލިބުން،" ވަހީދު ވިދާޅުވި އެވެ.