
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވާދަކުރައްވާ ވާދަވެރި އެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅީ ވަކީލް އަބްދުﷲ ޝާއިރު އެވެ. މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު، މީޑިއާތަކަށް ޝާއިރު ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ، ޓައިމްލައިންގައިވާ ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށާއި އޭގެ ސަބަބުން އިންތިހާބުގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތަަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެ އިއުލާނުގެ ސަބަބުން ނަޝީދަށް ކެމްޕެއިން ކުރުމަށް އޭނާއަށް ލިބިދީފައިވާ ހައްގަށް އުނިކަން އަންނަކަން ފާހަގަކޮށްފައިވެ އެވެ.އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، "ޗެއާޕާސަންގެ އިންހާބުގެ ކަންތައްތައް ހިންގާނީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް" އެވެ.އެމްޑީޕީގެ އިސްތިއުނާފް ފާނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވާ ގޮތުން، ޗެއާޕާސަން އިންތިހާބަށް އިއުލާންކޮށްފައިވަނީ އޭނާ ދެއްވި ލަފައާ ހިލާފަށް، އޭނާއަށް އެނގުމެއް ނެތި އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.