ޚަބަރު
އައިޝާ ޑޮކިއުމަންޓްރީ: އީޝާ ބޭނުންވަނީ ތަހުގީގުގައި ހުރިހާ ވާހަކައެއް ކިޔައިދޭން!
އައިޝާ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާ އަޝްރަފު ފުލުހަށް ހާޒިރުކުރުން - ފޮޓޯ/ދައުރު
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކުރި އީޝާ އަޝްރަފަކީ ވިކްޓިމެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުންދޭނެ ކަމަށް އޭނާގެ ވަކީލު ހުސެން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.

ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އީޝާ ނިންމާފައިވާ ކަމަށެވެ. އަދި، ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު މީޑިއާތަކަށް ތަފްސީލުކޮށް އެ މައުލޫމާތު ވެސް ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު، އަޅުގަނޑުމެން ތަފްސީލުކޮށް ކިޔައިދޭނަން،" ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ވަކާލާތު ކުރައްވާ އީޝާގެ އަނެއް ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ އީޝާގެ މައްޗަށް ތުހުމަތުކުރީ، ޑޮކިއުމެންޓްރީއިން ފެންނަނީ އޭނާކަން އެނގިގެންތޯ ނޫނީ ރައްދުވާ ފަރާތުން އެކަހަލަ ވާހަކައެއް ބުނެގެންތޯ ފުލުހުން ގާތު އެހި ކަމަށެވެ. ޖަވާބެއްގެ ގޮތުގައި ފުލުހުން ބުނީ "އެކަމާ ގުޅޭގޮތުން ހެއްކެއް ލިބިފައި އޮތުމުން" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެއީ ކޮން ބާވަތެއްގެ، ކިހިނެއް ލިބުނު ހެއްކެއް ކަމެއް ނުބުނޭ. ކިތާބީ ހެއްކެއް ކަމެއް، ވީޑިއޯ ހެއްކެއް ކަމެއް، ނޫނީ ސިއްރު ހެއްކެއް ކަމެއް ނުބުނޭ،" ފަރީދު ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އީޝާގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ މައްޗަށް ވެސް ބޮޑު ތަހުގީގެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން އީޝާ ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ. އޭނާ އާއި ފިޔާޒު އަދި ހަސަންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު