ހުނައިދާ ޔާސިރު
28 އޮކްޓޫބަރ 2026 - 19:08
0 comments
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ރިޓަޔަކުރައްވަން ހުށަހަޅުއްވާފައިވަނީ މި އަހަރު ނިމުމުންނެވެ. އަދި އެކަމަށް އެދި އޭނާ ހުށަހެޅުއްވީ އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އެކަމާ ގުޅޭގޮތުން ޖޭއެސްސީން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ. އަދި ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވާ ސަބަބެއް ވެސް ސާފެއް ނުވެ އެވެ. އަލީ ރަޝީދުގެ ފަނޑިޔާރުކަމުގެ ހަޔާތްޕުޅު ފެއްޓެވީ މާރިޗު 5، 2007 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެމަނިކުފާނު ވަނީ މެދުނުކެނޑި ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެމަނިކުފާނު އަދާކުރެއްވި މުހިންމު މަގާމުތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޟީކަމާއި، ސިވިލް ކޯޓުގެ އިސް ގާޟީކަމާއި، ޑްރަގް ކޯޓުގެ ގާޟީކަން ހިމެނެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޟީއެއްގެ މަގާމުގަ އެވެ.