އިސްމާއިލް ރިޒާ
28 އޮކްޓޫބަރ 2026 - 19:47
0 comments
ރާއްޖެއިން މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ފަހިކުރަން ޗައިނާގެ ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހެދީ މިއަދު މާލޭގައި ފެށި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ތެރޭގައި މިފްކޯ އާއި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު އެވެ.މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަނަސް އެވެ. ސައިނޯމެކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، މަސް ފޯރުކޮށް ދިނުމުގެ އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް މިފްކޯ އިން ބުންޏެވެ. އޭގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާން ޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެއެވެ."މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ އާ ބާޒާރުތައް ހޯދުމަށް މަގުފަހިކޮށްދީ، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް މުހިއްމު ފުރުސަތެކެވެ،" ބަޔާނުގައިވެ އެވެ.
ރާއްޖެއިން މިހާރު މަސް އެކްސްޕޯޓުކުރަނީ ޔޫރަޕާއި ތައިލެންޑު އަދި މޮރިޝަސްއަށެވެ.