ރައީސް މުހައްމަދު މުއިއްޒުއާއި ސަރުކާރުގެ މިިނިސްޓަރުން ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފި އެވެ.
ރައީސްގެ އޮފީން ބުނީ އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މަޢުލޫމާތު ދެއްވާފައިވާތީއާއި އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަވަމުންދާކަމަށް އެއޮފީހަށް މައުލޫމާތު ދެއްވައިފައިވާފައިވާކަމަށެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު 10:00ގައި ރައީސްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2026 ޤަޟިއްޔާއިން އެ ކޯޓުން ބަލަމުންދާ މައްސަލައިގައި މިމަހުގެ 10ވަނަ ދުވަހު ކޮށްފައިވާ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރާ" ހިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޛާން އަމަލުކޮށްފައިވާކަމަށެވެ.
އެހެންކަމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ 39ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، އެ ގާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ އަސާސްތައް ހިމެނޭ ސުލޫކީ މިންގަނޑާއި، އަދި އެ ޤާނޫނުގެ 44 ވަނަ މާއްދާއިން މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިޢާޔަތްކޮށް، "ރައީސްގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"ގެ 13ވަނަ މާއްދާއިން ރައީސްގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސްގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ދޫނުކުރުމަށް ނިންމައިފައިވާކަމަށެވެ. އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހަށް ނުވައްދަން ނިންމިއިރު، މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދަދު ނޫހުގެ ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ކުރި ސުވާލާ ގުޅިގެން އޭނާ ވަނީ އެތަނުން ނެރެފަ އެވެ.
އެ މައްސަލާގައި ކޯޓުގެ އަމުރާ ހިލާފްވި ކަމަށް ބުނެ ޝަހުޒާނާއި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން ވެސް އޮތީ އަންގައިފަ އެވެ އެގޮތުން ލީވާން ހާޒިރުކުރަނީ ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް އޭނާ ލިޔެފައިވާ ގޮތާ ގުޅޭގޮތުންނެވެ.