ޚަބަރު
މިހިރީ ރައީސް މުއިއްޒުއާއެކު ގަދަކޮށް: ޒަމީރު
ސިއްހީ ހާލަތު ހުރި ގޮތުން، މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިޔަސް، އޭނާ އަބަދުވެސް ހުންނާނީ ޕީއެންސީގެ ފިކުރު ކުރިއެރުވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީއިން ރޭ ބޭއްވި ޖަލްސާއެއްގައި ޒަމީރު ވަނީ، ގިނަ ދުވަސްތަކަކަށް ފަހު ސިޔާސީ ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަލްސާއަށް ވަޑައިގެންނެވީ، އިސްތިއުފާ ދެއްވުމާ ގުޅިގެން އެކި ރަށްރަށުންނާއި ތަންތަނުން މީހުން ގުޅައި އޭގެ ސަބަބާ ގުޅޭގޮތުން ސުވާލު ކުރައްވާތީ އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. އެ ހާލަތުގައި، މަގާމުގައި ބަގުޑި ބައްދައިގެން ހުރެގެން ނުވާނެ ކަމަށާއި އެއީ ޕާޓީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މަގާމަށް ވަރަށް ގާބިލް ބޭފުޅުން އެބަތިބި. އެ ބޭފުޅުންނަށް ޖާގަދީ، އެއް ފަރާތަކަށް ޖެހިލަން ޖެހޭ. އަޅުގަނޑަކީ ބޭނުން ވުމުން އަބަދުވެސް އެނބުރި އަންނަ މީހެއް،" ޒަމީރު ވިދާޅުވި އެވެ.

"އަޅުގަނޑު ސީނަކުން ނުގެއްލެން. މިހިރީ ރައީސް މުއިއްޒާ އެކު ގަދަކޮށް."

ޒަމީރު ވަނީ 500 މިލިއަންގެ ސުކޫކު އަނބުރާ ދައްކައި، ރާއްޖެ އޮތް ދަރަނީގެ ހާލަތުން ސަލާމަތް ކުރުމުގައި ރައީސް މުއިއްޒު އެޅުއްވި ދުރުވިސްނޭ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައިފަ އެވެ.

މިގޮތުން، އެ ބޮޑު ދަރަނި ނުދެއްކޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސުވާލު އުފައްދަމުން ދަނިކޮށް، އައިއެމްއެފްގެ ބެއިލްއައުޓަކަށް ނުދާން ނިންމަވައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކޮށްދެއްވުމަކީ، ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ޒަމީރު ސިފަކުރެއްވި އެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ ސެޕްޓެމްބަރު، 2024 ގަ އެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު