
މިކަމަށްޓަކައި މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަން ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިސަންސް ހަސަން ޒަރީރާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހުއާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކަރެކްޝަންސްގެ އިސްވެރިންވެސް ބައިވެރިވި އެވެ.ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ތަރުތީބު ކުރަމުން އަންނަ އިރު އެންމެ މުހިއްމު އެއްކަމަކީ ޖަލަށް ވެއްދޭ ތަކެތި ސަތޭކަ އިންސައްތަ ސްކޭން ކުރެވިގެން ވެއްދޭކަން ކަށަވަރު ކުރުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކަކީ ޖަލުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ޚާއްސަކުރެވިފައިވާ ތަންތަނަށް ހެދުމަށާއި އަދި އެތަނުގެ ގައިދުވެފައިވާ ތިބޭ މީހުންގެ ފަރާތުން އާންމު ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަށް ޖަލުގެ ސަލާމަތީ ކަންކަން ތަރުތީބުކުރުމަކީ އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ."ރައީސް މިއަހަރުގެ ރިޔާސީ ބަޔާނުގައި ސްޕެސިފިކްކޮށް ވިދާޅުވެފައިވާނެ. މި ޖަލުގައި ސްކޭން މެޝިންތައް ބަހައްޓާނެ ވާހަކަ މިއަހަރު ނިމުމުގެ ކުރިން. އެހެންވީމަ ރައީސް ވިދާޅުވި ވިދާޅުވުން އަޅުގަނޑުމެން ތަންފީޒުކޮށްފައި މިއަދު މިއޮތީ،" އިހުސާން ވިދާޅުވި އެވެ.އިހުސާން ވިދާޅުވި ގޮތުގައި ހައިރާންވާންޖެހޭ ކަމަކީ މި ޖަލު މިގޮތަށް ހިނގާތާ ރާއްޖޭގެ ބައި ގަރުނެއްވަރު ވެފައިވާ ކަމެވެ. ކަން އެހެން އޮތްއިރު މިފަދަ ފެސިލިޓީއެއް ޖަލުގައި ގާއިމްނުވެ ހުރުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.ޖަލުތަކަށް މަނާތަކެތި ވެއްދުމުގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.