ޚަބަރު
ސައުދީ، ޕާކިސްތާނު އަދި ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި
އީރާނާއި އެމެރިކާ އަދި އިޒްރޭލު ހިމެނޭ ހަނގުރާމައާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ރައްކާތެރިކަން ވަރުގަދަކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާ، ޕާކިސްތާނު އަދި ތުރުކީން ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި މިއަދު މައްކާގައި ސޮއިކޮށްފި އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ކައިރި ގައުމުތަކަށް އެކަމުގެ އަސަރުކޮށް، ހޮރްމޫޒް ކަނޑުއޮޅި އާއި ރަތްކަނޑުގެ ދަތުރުފަތުރަށް ބުރޫއަރަމުންދާއިރު، ސައޫދީ އަރަބިއްޔާއިން ދަނީ އެ ގައުމުގެ ސަލާމަތީ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އީރާނާއި ޔަމަންގައިވާ އީރާނަށް ވާގިވެރިވާ ހޫތީންނަށް ވަނީ މި ހަނގުރާމައިގެ ސަބަބުން އިތުރު ހިތްވަރެއް ލިބި، ސައޫދީ އަރަބިއްޔާއަށް ހަމަލާތައް ދީފަ އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާ އަކީ މިހާރު ދިފާއީ ކަންކަމުގައި އިތުބާރު ކުރެވޭ ބައިވެރިއެއްގެ ގޮތުގައި ސައޫދީއަކަށް ނުބެލެވެ އެވެ.

ސައޫދީ ޕްރެސް އޭޖެންސީ އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނި ގޮތުގައި މި ތިން ގައުމުން ސޮއިކުރި އެއްބަސްވުމަށް ދީފައިވަނީ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ނަމެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހު އެވެ. މިއީ މި ތިން ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ތަމްރީނުތަކާއި އަސްކަރީ އާލާތްތައް ވިއްކުމާ އަދި ސެކިއުރިޓީ އެއްބާރުލުން ފަދަ ދިގު މުއްދަތުގެ އަސްކަރީ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު އެއްބަސްވުމެކެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު