ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. 
މިއަދުގެ މަޖިލިސް ޖަލްސާގައި، މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސްގައި ރާއްޖޭން ބައިވެރިވެ، އެ މުއާހަދާގައި ސޮއިކުރުމަށް ފާސްވީ 58 މެންބަރުންގެ ވޯޓުންނެވެ.އިއްތިހާދުގައި ބައިވެރިވާން ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓުދެއްވިއިރު، 6 މެންބަރަކު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.ސައުދީއަކީ މި އިއްތިހާދު އުފެއްދި، އިސްކޮށް ހަރަކާތްތެރިވާ ގައުމުގެ އިތުރުން ކޯލިޝަންގެ ދާއިމީ ހެޑްކުއާޓަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެ އިއްތިހާދުގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީގެ އިތުރުން، ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެ އެވެ.
އެ އިއްތިހާދު އުފައްދާފައިވަނީ، އީރާނުން ވާގިވެރިވާ، ޔަމަނުގެ ހޫތީންގެ ޖަމާއަތުން މިދިޔަ ޖުލައި މަހު ސައުދީ އާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އޭގެ ފަހުން ސައޫދީއާ ގުޅުންހުރި އުޅަނދުފަހަރަށް ހަމަލާތަކެއް ދީ، ރަތްކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ހުރި ނުރައްކާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.