ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލަ ޕީޖީއަށް ފޮނުވައިފި
ޔޫނުސް އިބްރާހިމް
27 އޯގަސްޓް 2026 - 15:48
0 comments
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ - ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާޜު އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއްގައި ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ފުލުހުން އެދިއްޖެ އެވެ.
ދެހާސް ސައްވީސް ވަނަ އަހަރުން ފެށިގެން ފުލުހުން ތަހުގީގު ކުރި މައްސަލައަކީ, ތިނަދޫ ކައުންސިލުން އެރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާއިގުޅުން ހުރި އިދާރާތަކަށް އެ ރަށުގެ އާބާދީއާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.މި މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މި މަހުގެ 10 ވަނަ ދުވަހު ވަނީ އެ ސިޓީގެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.ކަންކަން އޮޅުވާލި ކަމަށް ކުރާ ތުހުމަތު ސައުދު ދޮގު ކުރައްވަ އެވެ.ތިނަދޫ، ސިޓީއަކަށް ބަދަލުކުރީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ، ތިނަދޫ ސިޓީގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި މީގެ ކުރިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. އަދި، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ މަޖިލީހަށް ވެސް ހުށަހެޅުއްވި އެވެ.ސައުދުﷲ މަޖިލީހަށް އޭރު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ތިނަދޫ އަށް 2023 ގައި ސިޓީގެ ދަރަޖަ ދިނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.އެ މައްސަލަތައް ވަކިކޮޅެއްގައި ނުޖެހި އޮއްވައި، ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރި އެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު