ޚަބަރު
އާބާދީ އޮޅުވާލި މައްސަލައިގައި ވަކީލަކު އައްޔަންކުރަން ސައުދަށް 10 ދުވަސް
ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކޯޓުން މިއަދު 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމުގެ ގޮތުން 4 ސެޕްޓެމްބަރު 2022 ގައި ސައުދު ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓެއް ފޮނުއްވާފަ އެވެ. އަދި އެލްޖީއޭއިން ސައްހަ ލިސްޓެއް ހުށަހެޅުމަށް އެދުމުން، 13 އޯގަސްޓް 2023 ގައި ފޮނުވި ލިސްޓުގައިވެސް އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންނާއި އެއް ނަންތަކެއް ތަކުރާރުކޮށް، އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށް އޮޅުވާލާފައިވާ ކަމަށް ޕީޖީން ބުނެ އެވެ.

މީގެއިތުރުން، ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި އެ ލިސްޓު ހިއްސާކޮށްދިނުމަށް އެދުމުން، އެ މައުލޫމާތު ރިކޯޑުކުރެވިފައި ނެތް ކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު ހަދައި ތަހުގީގަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

ނަމަވެސް، މޭޔަރު ސައުދު ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާއަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި މައްސަލަތަކުގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފައެވެ.

އެ މައްސަަތަކުގެ މިއަދު އޮތް އިބްތިދާއީ އަޑުއެހުމުގައި ދައުވާ ސާފުކޮށްދިނުމަށްފަހު، ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ސައުދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެހެންކަމުން ދެން މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ މުއްދަތަށް ފަހުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު