އަބްދުﷲ މައުރޫފް
20 ސެޕްޓެމްބަރ 2026 - 15:38
0 comments
ކައްކާ ގޭހުގެ ވިޔަފާރި ހިންގަން ގދ. ތިނަދޫން ގަވާއިދާ ހިލާފަށް ބިންތަކެއް ދޫކޮށް، ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގައި މިހާރުގެ މޭޔަރު ސައުދު އަލީ އާއި ކުރީގެ ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވަން ނިންމައިފި އެވެ. 
އޭސީސީން މިއަދު އާންމުކުރި ލިޔުމެއްގައިވާ ގޮތުން، ޕީޖީ އޮފީހަށް ފޮނުވީ ތިނަދޫގައި ރަށު ކައުންސިލެއް ހިންގި ފަހު ދައުރު އިއުލާންކުރުމެއް ނެތި، ކައްކާ ގޭހުގެ ވިޔަފާރިކުރުމަށް އަމިއްލަ ކުންފުންޏަކަށް ބިންތަކެއް ދޫކުރި މައްސަލާގަ އެވެ.އޭސީސީން އެ މައްސަލާގައި އެދިފައިވަނީ އޭރުގެ ހަތަރު ކައުންސިލަރެއްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތެއްގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކުރުމަށެވެ. އެ ކައުންސިލަރުންނަކީ:- އޭރު ތިނަދޫ ރަށު ކައުންސިލްގެ ރައީސް ސައުދު؛ މިހާރުގެ މޭޔަރު
- ކައުންސިލްގެ މެންބަރު އާމިނަތު ނަސީމާ
- ކައުންސިލްގެ މެންބަރު އަހުމީމާ އަހުމަދު
- ކައުންސިލްގެ މެންބަރު އާއިޝަތު ލިއުޝާ ޒުބައިރު
އޭސީސީން ބުނި ގޮތުގައި މައްސަލައިގެ ތަހުގީގު ނިންމައި ކުރިއަށް އޮތީ ޖިނާއީ ދައުވާކޮށްދޭން ފޮނުވުމުގެ މަރުހަލާ އެވެ.
ސައުދުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީއަށް ފޮނުވަން ނިންމިއިރު، ތިނަދޫގެ އާބާދީ އޮޅުވާލައިގެން ސިޓީގެ ދަރަޖަ ހޯދުމަށް ލިޔުން ފޮނުވި ކަމަށް ބުނާ މައްސަލާގައި ސައުދުގެ މައްޗަށް މިހާރު ވެސް ދައުވާކޮށްފައިވެ އެވެ.
ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް ކުރިއިރު، އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެނަމަ، މޭޔަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.