މުޙައްމަދު އަފްރާޙް
09 ސެޕްޓެމްބަރ 2019 - 18:03
2 comments
ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ ކައިވެނި ރޫޅުނުތާ މާގިނަދުވަހެއްނުވެ، ތަފާތުއެކި މީހުންނާއެކު އޭނާ ޑޭޓަށް ދާކަމަށްބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދީ ކައިޒީން ބަޔާނެއް ނެރެފިއެވެ.
އޭނާގެ ބަޔާނުގައި ބުނެފައިވަނީ އޭނާ އަދިވެސް އިނީ އިއްދައިގާ ކަމަށާއި ދީނީ ނަޒަރަކުން ބަލާއިރުވެސް އެހެން މީހަކާ ކައިވެނި ކުރުން އަދިހުއްދަ ނުވާނެކަމަށެވެ.
"އަހަރެން ވަރިވި ފަހުން އަދި ތިން މަސް ދުވަސް ނުވޭ. އެހެންވީމާ ދީނީ ގޮތުން ބެލިއަސް އަހަންނަށް އަދި އެހެން މީހަކާ ޑޭޓެއް ނުކުރެވޭނެ. މި ހުރިހާ ތުހުމަތުތަކަކީ ހުސް ދޮގު،" ސްޓޭޓްމަންޓުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި އެންމެ ނަން ހިނގާ މޮޑެލް ބުނީ އިވެމުންދާ އަޑުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި މިފަދަ އަޑުތަކުގެ ސަބަބުން ގެއްލުން ވަނީ އޭނާއަށް އެކަނީ ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިވާހަކަތަކުގައި ޝާމިލް ކުރާ އެހެން މީހުންގެ އާއިލާ އާއި ގާތް މީހުންނާއި އޮންނަ ގުޅުންވެސް ހީނަރުވެ، އެތައް މައްސަލަތަކެއް ކުރަމަތިވާ ކަމަށެވެ.
"އަހަރެންގެ ތެދު ވާހަކައެއް ދައްކާނަމަ އެކަން އަހަރެންވެސް ގަބޫލު ކުރާނަން. އެކަމަކު މިހާރު އިވެމުން މިދާ އަޑުތަކަކީ އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ވާހަކަތަކެއް" ކައިޒީން ބުންޏެވެ.
ދޮގު ހެދުމާއި ނަފުރަތު އުފެއްދުމާއި އަދި ބޮޑީ ޝޭމްކުރުން ހުއްޓާލުމަށް ވެސް އޭނާ އެދުނެވެ. އަދި ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފަތުރާފައި ހުރި ޕޯސްޓުތައް ވެސް ނެގުމަށް އޭނާ އެދުނެވެ.
ރަޖްޢީ ވަރިއެއްގެ އިއްދަ ތެރޭގައި ފިރިމީހާ ރުޖޫޢަ ކޮށްފީމޭ ބުނެފި ނަމަ ނުވަތަ ޖިމާޢު ވެއްޖެނަމަ ކައިވެނި ރުޖޫޢަ ވާނެ ކަމަށާއި ނަމަވެސް އެކަން ބަލަހައްޓާ ރަސްމީ އިދާރާއެއްގައި (ރާއްޖޭގައި ނަމަ ކޯޓުގައި) ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
(ރަޖްޢީ ވަރިއަކީ ރުޖޫޢަކުރެވޭ ގޮތަށް އޮންނަ ވަރިއެވެ. އެއީ ފުރަތަމަ ކުރާ ދެވަރިއެވެ. 3 ވަނަ ވަރިކޮށްފިނަމަ ޖެހޭނީ ދިރިއުޅުމުގެ ނިޔަތުގައި އެހެންމީހަކާއި ކައިވެނިކުރާށެވެ.)