ޚަބަރު
ފުލުހުންގެ ބިލަށް ހިޔާލު ހޯދާ ބައްދަލުވުމުގައި ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖު ކޮށްފި
އާންމުން ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖު ކުރަނީ-- ފޮޓޯ: މިހާރު
ފުލުހުންގެ ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމަށް ވަދެ ތިބި އާންމުން ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖުކޮށްފި އެވެ.

އެ މީހުން އިހުތިޖާޖުކުރީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށްޓަކައި މަޖިލީހުގެ އިދާރާ އިން ބޭއްވި ފޯރަމްގަ އެވެ.

އެ ފޯރަމްގައި އާންމުންގެ ބަޔަކު ބައިވެރިވީ، ކުޑަކުދިން ހިިމާޔަތް ކުރުމަށާއި ނުފޫޒު ފޯރުވާ ފަރާތްތައް ހާމަކުރަން ގޮވާލާ ލިޔުންތަކެއް ހިފައިގެންނެވެ. ފޯރަމް ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް، އެ މީހުން ތެދުވެ "ޒީރޯ ޓޮރަލެންސް ކޮބައިތޯ" ސުވާލުކޮށް އަދި ކުޑަކުދިން ހިމާޔަތް ކުރަން ގޮވި އެވެ. މިއީ މަޖިލީހުގެ އިދާރާގެ ތެރޭގައި އާންމުންގެ ބަޔަކު އިހުތިޖާޖުކުރި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގެ ތެރެއިން އިހުތިޖާޖްގެ ބައިވެރިން ވަނީ ޖިންސީ ގޯނާއާ ދެކޮޅަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުތައް ވެސް ކޮށްފަ އެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންގެ ހިމާޔަތުގައި ކުރެވިފައިވާ މަސައްކަތްތަކާއި އާ ބިލުން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ސުވާލު ކުރި އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ވިދާޅުވީ ކުށް ކުރާ މީހާއަށް ހައްގު އަދަބު ދިނުމުގެ ގޮތުން އަނިޔާ ލިބޭ ފަރާތުގެ ހިމާޔަތަށް ވެސް ފުލުހުން މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ ވިކްޓިމްއަށް ސަޕޯޓް ކުރަން ހާއްސަ ޑެސްކްއެއް ވެސް ހުންނަ ކަމަށާއި ޓްރައިން ޕްރޮފެޝަނަލް މުވައްޒަފުން މެދުވެރިކޮށް ވިކްޓިމްއާ މުއާމަލާތް ކުރާ ކަމަށެވެ.

މިރޭ މަޖިލީހުގައި ފުލުހުންގެ ބިލަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު އެވެ.

ފިނި ތަރުހީބެއް ލިބުނު އެ ބައްދަލުވުމުގައި ހިޔާލު ހުށަހެޅި އާންމުން ވަނީ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފުލުހުންގެ ބިލުގައި ހިމަނަން ފެންނަ މުހިންމު ކަންތައްތައް ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު