ޚަބަރު
އަބްދުއްރަހީމް، މަޖިލިހުގެ ރައީސްކަމަށް...!
ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އަބްދުﷲ
އަންނަ މަހުގެ 28 ގައި އެކުލަވައިލާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އާ މެމްބަރުކަމުގެ ހުވާ ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ރޭ ދެއްވައިފި އެވެ.

މަޖިލިސް ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަބްދުއްރަހީމް، މަޖިލިސް އިންތިހާބުގެ ނަތީޖާއަށް ފަހު ވިދާޅުވީ، އޭނާ އެ މަގާމަށް އައުމާ މެދު އަދި ނުވިސްނަވާ ކަމަށެވެ. ނަމަވެސް، އެކަމާ މިހާރު ވިސްނަމުންދާކަން ހާމަވީ، މަޖިލިސް އިންތިހާބުގައި ލ. އަތޮޅުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އަބްދުރައްހީމް ނިސްބަތްވެވަޑައިގަންނަވާ ލ. ފޮނަދޫގައި ރޭ ބޭއްވި އުފާފާޅުކުރުމުގައި އަމިއްލަފުޅަށް ދެއްކެވި ވާހަކަތަކުންނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ގޮތުން ސިޔާސީ ގޮތުން މިއަދު ހުރި ހިސާބަށް އާދެވިފައިވަނީ ފޮނަދޫގެ ރައްޔިތުންގެ ކުރި ތާއީދާއި އިތުބާރާއި އެހީތެރިކަން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އަބަދުވެސް ހަނދާންކުރާނަން އަބަދުވެސް ހަނދާނުގައި ހުންނާނެ އަޅުގަނޑު ކޮންމެ މަގާމަކަށް ދިޔަ ކަމުގައި ވިޔަސް އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ބައްޕަ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އިއްޔެ ދެއްވާފަ އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުން މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މޭ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިސަލް ވިދާޅުވީ 28 ގެ ފަހުން ލ. އަތޮޅުގައި އުފާފާޅުކުރާނެ ކަމަށެވެ. 

ވިހިވަނަ މަޖިލީހުގައި ޕީއެންސީއަށް ނިސްބްތްވެވަޑައިގަންނަވާ 73 މެންބަރުން އެބަތިބި އެވެ. އެހެން ކަމުން މަޖިލިސް ރައީސްކަމަށް އަންނާނީ، ޕީއެންސީގެ ފަރާތުން އެންޑޯސް ކުރާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު