ޚަބަރު
މަސްވެރިކަމުގައި ބައިވެރިނުވާ ގޮތަށް ދޯނިތަކުގައި ބިދޭސީން ގެންގުޅެވޭނެ: މިނިސްޓްރީ
ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް މަސް ދޯނިފަހަރުގައި ބިދޭސީންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި ހުއްދަ ދިނީ މަސް ދޯނިތަކުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ލިބުމުގެ ދަތިކަން ކުރިމަތި ވާތީ ކަމަށެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ދޯނިތަކުގައި މަސައްކަތް ކުރުމުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ބޭރުގެ ރީޓެއިލަރުން ގަބޫލު ކުރާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

އެހެންވެ، މަސްވެރިކަންކުރުން ފިޔަވައި އެހެން މަސައްކަތްތަކަށް ދޯނިތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދިނުމުން އެ އިންޑަސްޓްރީ އަށް ވެސް ފައިދާ ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މަސް ދޯނިފަހަރުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ނުލިބުމުގެ ދަތިކަމަކީ އޮޑިވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި ރާއްޖޭގެ ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޙަރަކާތްތެރިވަމުން ދިއުމުގެ ސަބަބުން، ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ޤާނޫނާއި ގަވާއިދާ ޚިލާފު ޙަރަކާތްތައް ހިންގަމުންދާ މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ބައެއް ރީޓެއިލަރުން ފާޅުކުރަމުންދާތީވެ، މަސްވެރިކަމުގެ ޞިނާޢަތުގެ މަންފާއަށްޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް ބިދޭސީންނަށް ޙަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުން އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ބިދޭސީން ވަޒީފާއަށް ހުށަހެޅުމުގެ ކޯޓާ ދޫކުރުމާބެހޭ އުޞޫލުގެ ދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ ހަމަތައް ކަނޑައަޅާފައެވެ. 

ފިޝަރީޒްގެ ބަޔާނުގައި ބުނީ ރާއްޖޭގެ މަސްވެރިކަމަކީ ދިގު ތާރީހެއް އޮތް، އެ މަސްވެރިކަމުގައި ސަގާފީ ގިނަ ސިފަތަކެއް އެކުލެވޭ މަސައްކަތެއް ކަމަށާއި އެއީ ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރު ކުރުމަށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މަސްވެރިކަމުގެ ހާއްސަ ސިފަތައް އޭގެ އަސްލު ނުގެއްލި ހިފެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.

މަސްވެރިކަމުގެ ސިނާއަތަށް މި ގެނެވުނު ބަދަލަކީ މުޅި ސިނާއަތުގެ މަންފާއަށް އެޅުނު ފިޔަވަޅެއް ކަމަށާއި އެ ފިޔަވަޅުއެޅީ އޮޑިވެރިންނާއި ސިނާއަތުގެ މަސައްކަތްތެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ފިޝަރީޒް އިން ބުނީ މަސްވެރި އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ބިދޭސިންނަކީ ގަވައިދާ އެއްގޮތަށް ސައްހަ ލިޔެކިޔުން އޮންނަ މީހުންކަން ޔަގީންކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު