ކުޅިވަރު
ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
ފޮޓޯ: ސުކައި ނިއުސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވަރުގަދަ މެންޗެސްޓަރ ސިޓީ ހައިރާންކޮށްލުމަށްފަހު ޗެލްސީން މުބާރާތް ކާމިޔާބުކޮށްފިއެވެ.

ޕޯޗުގަލްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީ އަށް މެޗުގެ 42 ވަނަ މިނެޓްގައި ކައި ހަވެޓްޒް އެވެ. ހަވެޓްޒް މި ގޯލު ކާމިޔާބުކުރީ މޭސަން މައުންޓް ދިން ރީތި ޕާހަކުންނެވެ.

ޕޯޗުގަލްގެ ޕޯޓޯގައި ކުޅުނު ފައިނަލް މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީން ގިނަވަގުތު ބޯޅަ ހިފަހައްޓައިން ކުޅުނު ނަމަވެސް ޗެލްސީ ވަނީ ވަރަށް މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ.

މި ގޯލާއެކު ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ހަވެޓްޒް ދިން ޕާހަކުން ޕުލިސިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރަން ސިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސިޓީގެ ރިޔާދް މަހްރޭޒް އަށެވެ. ނަމަވެސް ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ މަހްރޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މިއީ ޗެލްސީން 2012 ވަނަ އަހަރު އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފަހުން އެ ޓީމު މި މުބާރާތުގެ ފައިނަލުގައި ކުޅެ ތަށި ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ޗެލްސީން 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ކޯޗަކަށް ހުރީ އެ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި އިޓަލީގެ ކޯޗު ރޮބާޓޯ ޑި މަޓެއޯ އެވެ.

ޗެލްސީ ވަނީ މި ސީޒަނުގައި އެއް ފައިނަލުގައި ޓުޗެލްގެ ކޯޗުކަމުގައި ބަލިވެފަ އެވެ. އެއީ އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ ސިޓީ އަތުން 1-0 އިންނެވެ. 

މި ކާމިޔާބީއާއެކު ޗެލްސީއަށް އެންމެ ބޮޑު އުފަލެއް ލިބޭނެ އެކަކަކީ އެ ޓީމުގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް އެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، އޭނާ ޗެލްސީއާ ހަވާލުވުމަށްފަހު ސިޓީއާއި ދެކޮޅަށް މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ޗެލްސީ ކާމިިޔާބުކޮށްފައެވެ. 

އަނެއްކޮޅުން މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީން ކުޅުނު ފުރަތަމަ ފަހަރެވެ. ސިޓީން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވާއިރު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ 2011 ވަނަ އަަހަރު ބާސެލޯނާގައި ހުރެއެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު