ޚަބަރު
އައިޝަތު ނޫރައްދީން 42 އަހަރުގެ ހިދުމަތަށް ފަހު ބީއެމްއެލްއިން ވަކިވެވަޑައިގަންނަވަނީ
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ބޭންކުގެ ހިދުމަތުން ވަކިވެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އޭނާ ވަޒީފާއިން ވަކިވާން ނިންމާފައިވާކަން އިއުލާން ކުރެއްވީ ބީއެމްއެލްގެ މުވައްޒަފުންނަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ. މުވައްޒަފުންނަށް ޝުކުރު އަދާކުރައްވަމުން އައިޝަތު ނޫރައްދީން ފޮނުއްވި އެ މެސެޖުގައި އޭނާ ވަނީ ބޭންކުގެ ވަޒީފާގައި ދެން ހޭދަކުރައްވަން އޮތް މަދު ދުވަސްތަކުގެ ތެރޭގައި މުވައްޒަފުންނާ ބައްދަލުކޮށް ވަކިވެލުމުގެ ސަލާމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

"އަޅުގަނޑު ބޭންކުގެ ވަޒީފާގައި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑު ތިޔައިގެ ތެރެއިން ގިނަ މުވައްޒަފުންނާ ބައްދަލުކޮށް އަދި ވަކިވެލުމުގެ ސަލާމް ކުރާނަމެވެ. އަދި ނޮވެންބަރު 7 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ތިޔަ މުވައްޒަފުންނާއެކު ބައިވެރިވުމަށް އުންމީދުކުރަމެވެ،" މެސެޖުގައިވެ އެވެ.

އޭނާގެ މެސެޖުގައި ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ބީއެމްއެލްއިން އަންނާނީ ގޮންޖެހުންތަކާ އެކުވެސް ކާމިޔާބު ހޯދަމުންނެވެ. އަދި އޭނާ ވަޒީފާގައި ހޭދަކުރި ދިގު މުއްދަތުގައި ބީއެމްއެލްގެ މުވައްޒަފުންނަކީ އެ ބޭންކާއި އޭނާއަށް މުހިންމު ބައެއްގެ ގޮތުގައި ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

"އަޅުގަނޑުވެސް ބޭންކުގައި ހޭދަކުރި މުއްދަތުގައި ކުރިއެރުންތައް ލިބި އަދި ހަމަ އެހެންމެ ގޮންޖެހުންތަކާ ވެސް ކުރިމަތިލާފައިވާނެ އެވެ. އަދި ހަމައެއާއެކު، ތިޔަ ގިނަ މުވައްޒަފުން ވަޒީފާގައި ހޯދި ކާމިޔާބީ އާއި އަމިއްލަ ދިރިއުޅުމުގެ އެކި އުފާވެރި ވަގުތުތައް އަޅުގަނޑު ވެސް ދެކެފައިވާނެ އެވެ. ތިޔައިން ކޮންމެ މުވަޒަފެއްގެ ވާހަކައިން އަޅުގަނޑަށް ވެސް ވަރަށް އިލްހާމު ލިބުނެވެ،" ބީއެމްއެލްއަކީ އަބަދުވެސް ހިތުގައި ވަރަށް ހާއްސަ މަގާމެއް އޮންނާނެ ތަނެއްކަން ފާހަގަ ކުރައްވައި އައިޝަތު ނޫރައްދީންގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ. 

މިހާރު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން ބޭންކުގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.

ބީއެމްއެލްގެ ބޯޑުގައި ވެސް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އައިޝަތު ވަނީ މިދިޔަ އޮގަސްޓު މަހުގެ 25ގައި ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު