އިންޑޮނޭޝިއާ ސަފީރު، ނައިބް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ހުސެން ރަޝީދު
29 އޯގަސްޓް 2022 - 15:05
0 comments
ނައިބް ރައީސް އިންޑޮކޭޝިއާ ސަފީރާ ބައްދަލުކުރެއްވުން
އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލެންސީ ދޭވީ ގުސްތީނާ ޓޯބިންގ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު މަޝްވަރާ ބައްދަލުވުންތައް ބާއްވަވައި އިތުރު ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެ ގޮތުން ދެ ގައުމުގެ މީހުންގެ މެދުގައާއި ދެ ގައުމުގެ ދެމެދު ވިޔަފާރި ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ސިއްހީ ދާއިރާ، މަތީ ތައުލީމުގެ ދާއިރާ، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސަފީރު ވަނީ ވިސާގެ ކަންކަމަށް ލުޔެއް ގެނައުމަށް ދާދިފަހުން ދެޤައުމުގެ ދެމެދު އެކުލަވާލެވުނު އެއްބަސްވުމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އަދި މިހާރު ކުރިޔަށް ހުރި އެއްބަސްވުންތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާފައެވެ.
ކިޔުންތެރިންގެ ޝުއޫރު