ޚަބަރު
އިހުތިރާމު ހޯދުމަށްޓަކައި ތެދުވެރިކަމާއެކު ޒިންމާތައް އަދާކުރަންޖެހޭ: ފައިސަލް
އިޙްތިރާމަކީ އެއްދުވަހުން ލިބޭނެ އެއްޗެއް ނޫންކަމަށާއި، ކޮންމެ މީހަކުވެސް އިހުތިރާމު ހޯދުމަށްޓަކައި އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އިހުލާސްތެރިކަމާއެކު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަގުބަލު ސްޕީކަރ ސީރީސް 2023ގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ސީރީސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އައުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ވަރަށް ތަފްސީލީގޮތެއްގައި ހިއްސާކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ތަފާތު މީހުންނާއެކު މަސައްކަތްކުރެއްވުމުން ގިނަ ކަންކަން ދަސްވާކަން ފާހަގަކުރައްވައި، ކޮންމެ މީހެއްގެ ކައިރިންވެސް ދަސްވާނެކަންކަން ހުންނާނެކަން ޤަބޫލުކުރައްވައި މަސައްކަތްކުރެއްވިކަމުގައި ވިދާޅުވެފައެވެ. އަދި އަބަދުވެސް މީހުންގެ ލަފަޔާ އިރުޝާދާއިއެކު މަސައްކަތްކުރެއްވުމަށް ފަސޭހަފުޅުވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލަށް އަލަށް ވެންނެވުމަށްފަހު އެމަނިކުފާނު ތަޖުރިބާކުރެއްވި ކަންކަން ހިއްސާކުރައްވާފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަމަކުން ކާމިޔާބު ހާސިލުކުރުމަށް މަސައްކަތްތައް ބައްޓަންކުރެވިދާނެ ގޮތްތަކާގުޅޭގޮތުން އެމަނިކުފާނުގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުންނެވިތަނުން ކެނޑިވަޑައިގެން އެހެންތަނަކަށް ބަދަލުވެވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައްވައި އެކަން ހައްލުކުރައްވައި ޒިންމާ އަދާކުރެއްވިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަކި މަގާމެއްގައި ހުރެގެން މަސައްކަތެއް ކުރެވޭނެކަމަށް ގާބޫލުކުރުން ދޫކޮށްލައި ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ރަނގަޅު ނަސޭޙަތްދެއްވާ ފަރާތްތައް ހަނދާންކުރުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޯޑިއަންސްގައި ތިއްބެވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު