ދީން
އަބުރަށް އަރައިގަންނަ މީހުންނަށް ޤިޔާމަތް ދުވަހު ގަދަފަދަ ޢަޒާބު ލިބޭނެ: ޚުތުބާ
ދެބައޮޑުވާ، ދޭތެރެ ޖައްސާ، މީހުންގެ އަބުރަށް އަރައިގަންނަ މީހުންނަށް ޤިޔާމަތް ދުވަހު ގަދަފަދަ ޢަޒާބު ލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ދުލުގެ އާފާތްތައް" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ޚުތުބާގައި ބުނީ ދުލުގެ އާފާތްތަކުގެ ތެރޭގައި ދެގު ހެކި ދިނުމާއި ދޮގުހުވާކުރުން ހިމެނޭ ކަމަށެވެ. ޚުތުބާގައި ބުނީ އީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށާއި، ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގާ ހުރި ޢައިބެއްގެ ވާހަކަދެއްކުން ކަމަށެވެ. އަދި ދޭތެރެ ޖެއްސުމަކީ ނުބައިވެގެންވާ ކަމެއް ކަމަށެވެ. 

އަދި ނެތިމޮށުމާއި ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ ފެތުރުމާއި ދުރުހެލިވާން ޖެހޭ ކަމަށާއި ކަށްވަޅުގެ ޢަޒާބުގެ ލިބޭ ޢަމަލުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“ދެބައޮޑުވުމާއި ދޭތެރެ ޖައްސަމުން ހިނގުމާއި މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހާއަށް ޤިޔާމަތް ދުވަހުން ގަދަފަދަ އަޒާބު ލިބޭނެ” ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދޭތެރެ ޖެއްސުމަކީ ނުބައިވެގެންވާ ކަމެއް ކަމަށާއި އެއީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަ ދެއްކުން ކަމަށެވެ. 

"މުސްލިމުންގެ ޣީބަ ބުނެ ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ގިޔާމަތް ދުވަހުން އެމީހުން ކޮށްއުޅުނު ފާފަތަކާ އެއްފަދަ އަޛާބު ދެއްވާނެ އެވެ،" ޚުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގު ހެކި ދިނުމާއި ދޮގުހުވާ ކުރުން ހިމެނޭ ކަމަށެވެ.

ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި، އެކަންތައްތަކުގެ ތެރޭގައި ގާޟީއަށް ހައްގު އޮޅި، ބާތިލަކީ ހައްގު ކަމުގައި ހީވުމާއި އޭގެ ސަބަބުން އެހެން މީހުންގެ ހައްގުތައް ގެއްލިގެން ދިއުމާއި މުޖުރިމުން ކުށުން ބަރީއަވުމާއި ކުށެއް ނެތް މީހުންނަށް ހައްގަކާނުލައި އަނިޔާލިބުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ހުތުބާގައި ވަނީ ޣީބަ ބުނުމާއި، ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކާ ދުރުހެލިވުމަށް އެންމެހާ މުސްލިމުންނަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު