ދީން
ރޯދައިގެ ޙިކުމަތް
ތިނަދޫގެ މިސްކިތުގައި މިއަދު އިމާމްވެ ހުކުރު ކުރި، އާހިލް މުހައްމަދު ޒާހިރު:
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރޯދައިގެ ޙިކުމަތް" މިމަޢުޟޫއަށެވެ.

މިއަދުގެ ހުތުބާގައި ރޯދައިގެ ހިކުމަތަށް އަލިއަޅުއްވާލައި ބުނެފައިވަނީ، މާތް ﷲ އިސްމުފުޅުގައިވާ އަލް ޙަކީމް, މި ލަފްޒުން ދޭހަވަނީ އެކަލާނގެ ހިކްމަތްތެރިކަން ކަމަށެވެ. އެކަލާނގެ އަމުރުކުރައްވާ ކޮންމެ ހުކުމެއްގައި ހިކުމަތެއް ވާ ކަމަށް ހުކުރު ހުތުބާގައި ބުނެފައި ވެއެވެ. އެހެންކަމުން، ރޯދަ ފަރުޟު ކުރެއްވުމުގެ ފަހަތުގައިވެސް ހިކުމަތްތައް ވާ ކަން މިއަދުގެ ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ޚުތުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށެވެ.

"ﷲ تَعَالَى ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބެއެވެ. އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެކެވެ،" ޚުތުބާގައި ބުންޏެވެ.

އެގޮތުން، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުމާއި، ރޯދައަށް ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން ނަފުސު ދުރުހެލިކުރުން ހިމެނޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރަށްވެސް، ރޯދައިގެ ސަބަބުން ހަރާމް ކަންތައްތަކުން ދުރުހެލިވެވޭ ކަމަށް  ބުނެފައި ވެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށާއި އެކަލާނގެ އަޒާބުން މިންޖުވުމަށްޓަކައި ހަލާލް ކާބޯތަކެއްޗާއި އަނބިފިރިކަމުގެ ގުޅުމުން އެކަހެރިވެ ހުންނަ ހުރުމުން، ﷲ ތައާލާ ހަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށް ތަމްރީން ލިބޭ ކަން ހުކުރު ހުތުބާގައި ފާހަގަކުރި އެވެ. އެހެންކަމުން، ރޯދައަކީ އިންސާނާގެ ނަފްސު ހެޔޮކަންކަމަށް ހާނުވައިދޭ ތަރުބަވީ އަޅުކަމެއް ކަންވެސް މިއަދުގެ ހުތުބާގައި ފާހަގަކުރި އެވެ. ސަބަބަކީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ނަފްސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭތީ އެވެ. 

"ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް މާތް ﷲ ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުމެވެ. ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް، ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުން، އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެ، ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުން" ޚުތުބާގައި ބުންޏެވެ.

ޙުޠުބާގައި ވިދާޅުވީ ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، ތަޤްވާވެރިވުމެވެ. ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއްކަމަށް ޚުތުބާގައި ބުންޏެވެ. 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު