ދީން
ހިތް ގާވިޔަ ނުދިނުމަށްޓަކައި ދެވޭނެ ފަރުވާއަކީ ﷲ ހަނދުމަކުރުން: ހުތުބާ
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން
ހިތް ގައުވިޔަ ނުދިނުމަށްޓަކައި ހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާއަކީ ﷲ ހަނދުމަކުރުންމަތީ ދެމިހުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. 

"ސަލާމަތްވެގެންވާ ހިތް" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ﷲ އަށް ތަކްބީރު، ތަހްމީދު، އަދި ތަސްބީހަ ކިޔުންފަދަ އަމަލުތައް ގިނަ ކުރުމުން ހިތް ގައުވުމުން ދުރުކޮށްދޭ ކަމަށާއި ޤިޔާމަތް ދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ، ހިތް ރަނގަޅު ކުރެވުނު މިންވަރަކަށް ކަމަށެވެ.

އެގޮތުން އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

"ކުފުރާއި، ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ ﷲ ގެ ކޯފާއާއި މީސްތަކުންގެ ރުޅިވެރިކަން،" އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް ކަމަށް ހަދާން ކޮށްދެމުން ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ، މާތް ﷲ އިންސާނާ ހައްދަވާފައި ވަނީ މާއްދީ ހަށިގަނޑަކާއި، ރޫހާނީ ފުރާނައަކާ އެކު ކަމަށެވެ. އިންސާނާއަށް މި ހަޔާތުގައި އޭނާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނީ، ރޫހާނީ ބަޔަށް އިސްކަންދީ، އެބައި ފުރިހަމަ ކޮށްގެން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ﷲ ބައްލަވާވޮޑިގެންވާ ތަނަކީ ހިތް ކަމަށައި އެހެންކަމުން ކޮންމެ އިންސާނަކު ވެސް އޭނާގެ ހިތް ރަނގަޅުކޮށް، އިސްލާހު ކުރުމަށާއި، ހެޔޮ ޢަމަލު ކުރުން މަތީ ދެމިތިބެން ވާނެއެވެ. ހިތް އިސްލާހުކުރަންވާނީ އޭނާގެ ދުނިޔެއާއި އާޚިރަތް ރަނގަޅުކޮށްދޭނެ މަންހަޖާ އެއްގޮތަށް ކަމަށް ޚުތުބާގައި ބުންޏެވެ.

"މި މަންހަޖު ބިނާވެފައި ވަނީ އަންނަނިވި ކަންކަމުގެ މަތީގައެވެ. ފުރަތަމަ ކަމަކީ ފިތުނަ ފަސާދައިން މި ހިތް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ﷲއަށް އުރެދުމުން މި ހިތް ރައްކާތެރި ކުރުމެވެ. ތެދުމަގުގައި މި ހިތް ދެމެހެއްޓުމެވެ. ދެވަނަ ކަމަކީ، ދުނިޔެއަކީ، އާޚިރަތަށްޓަކާ މާތްﷲ ލައްވަވާފައިވާ ވަސީލަތެއް ކަމަށް ދުށުމެވެ. ދުނިޔެއަށް ހެއްލުންތެރި ނުވުމެވެ،" ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަމުން ހުތުބާގައި ބުންނެވެ.

އަދި ތިބާގެ ހިތަކީ ސަލާމަތްވެގެންވާ އެއްޗަކަށް ހެދޭނީ، ހިތް ޝިރުކުން ތާހިރުކޮށްގެންނާއި، ބިދުއަތަކުން ސަލާމަތްކޮށްގެންނާއި، އަފްލަތްތެރިކަމުން ސަލާމަތްކޮށްގެންނާއި، ޝަހްވަތްތަކާ ދުރުހެލި ކޮށްގެންނާއި، އިހްލާސްތެރިކަން ނައްތާލައި ހަވާނަފްސުން ސަލާމަތްކޮށްގެން ކަމަށް ބުނެ، އެކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު