ދީން
އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިންމު: ހުތުބާ
އެހެން މީހުންގެ ކިބައިގައި ހުރި އުނި ސިފަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިންމު ކަމަށް ހުކުރު ހުތުބާގައި ބުނެފި އެެވެ.

މާތްﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ. ހުތުބާގައި ވިދާޅުވެފައި ވަނި ގައުމު އިސްލާހު ކުރުމަށްޓަކައި އިންސާނީ ނަފްސުތައް ފުރަތަމަ އިސްލާހު ކުރުމުގެ ޖިހާދެއް ފަށަންވެއްޖެ ކަމަށެވެ.

"ހަޤީޤީ މުޖާހިދުންނަކީ ﷲއަށްޓަކައި ތިމާގެ ހަވާނަފްސާ ދެކޮޅަށް ޖިހާދުކުރާ މީހާއެވެ." ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވެއެވެ.

ހުތުބާގައި ބުނީ، އެންމެ މުހިންމު ވެގެންވަނީ، ހަވާ ނަފުސުގެ މައްޗަށް ގަދަވެގަނެ ތިމާއަށް އަމުރުކުރާ ފަރާތަކީ ތިމާގެ ހަވާނަފުސަށް ވިޔަ ނުދިނުން ކަމަށެވެ. އަދި، ހަވާނަފުސާ ދެކޮޅަށް ގަދައަޅާ މަސައްތް ކުރުމުގައި ކާމިޔާބު ހޯދާ މީހުންނަކީ ހަގީގީ މާނައިގައި ތެދުމަގު ލިބިގަތުމަސް ޖިހާދު ކުރާ މީހުން ކަމުގައި ހުތުބާގައި ބުންޏެވެ.

ނަފުސު އިސްލާހު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވަލަ އިތުރަށް ހުތުބާގައި ބުނީ، އިންސާނެއްގެ ނަފުސު ހަމަ މަގަށް އަޅުވައިފި ނަމަ އިންސާނީ މުޅި ހަޔާތް އިސްލާހުވީ ކަމުގައެވެ. އަދި، ނަފުސު އިސްލާހު ނުވެއްޖެ ނަމަ މުޖުތަމައަށާއި މުޅި ގައުމަށް ނޭދެވޭ އަސަރު ނުކޮށް ނުދާނޭކަން ކަށަވަރުކަމަށް ހުތުބާގައި ބުންޏެވެ.

"އެހެންވީމާ އިންސާނާގެ އަމިއްލަ ނަފުސު އިސްލާހު ކުރުމަކީ، މިޅި މުޖުތަމަޢާއި މުޅި ގައުމު އިސްލާހުގެ މަގުން ހިނގުން އޭގެ މައްޗަށް ބިނާވެގެންވާ އަސާސްކަން ހާމަވެއެވެ،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ އިންސާނުންނަކީ ޖަނަވާރުންނެކޭ އެއްފަދައިން ކަންފަތުގައި ހިފައިގެން ބޭނުން ތަނަކަށް ބޭނުން ދިމާލަކަށް ގެންދެވޭނެ ބައެއް ނޫން ކަމަށެވެ. އެހެނީ އިންސާނުންނަކީ އެމީހުންގެ ޖިސްމުގައިވާ ނަފްސާއި ބުއްދި އަދި ޒަމީރުގެ ސާފުކަމުގެ ނުވަތަ ކިލަނބުކަމުގެ މައްޗަށް ހަޔާތުގެ މިސްރާބު އަމިއްލައަށް ހިފާ ބައެކެވެ.

އެހެންކަމުން އިންސާނާގެ އަމިއްލަ ނަފްސު އިސްލާހު ކުރުމަކީ މުޅި މުޖުތަމައު މުޅި ޤައުމު އިސްލާހުގެ މަގުން ހިނގުން އޭގެ މައްޗަށް ބިނާވެގެންވާ އަސާސުކަމަށް ހުތުބާގައި ވެެއެވެ.

"ހަމަކަށަވަރުން ބަޔަކު މީހުންގެ ހާލަތު އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާންދެން ﷲ އެ ހާލަތު ބަދަލެއް ނުކުރައްވާނެތެވެ." މާތްﷲ ގެ ވަހީ ބަސްފުޅެއްގައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު