ކުޅިވަރު
އެފްއޭއެމްގެ އިންތިހާބު އަވަސްކޮށް އަންނަ މަހު 31 ގައި ބާއްވަން އިއުލާންކޮށްފި
އެފްއޭއެމްގެ ރައީސް ބައްސާމް:
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު އަންނަ ޖެނުއަރީ 31 ގައި ބާއްވާން ނިންމައި އެކަން އެ އެސޯސިއޭޝަނުން އިއުލާނުކޮށްފި އެވެ.

އެފްއޭއެމުން ބުނީ، އިންތިހާބު އަވަސް ކުރުމަށް ނިންމީ، އެކްސްކޯގެ ބައްދަލުވުމުގައި ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، މީީޑއާ ގުރޫޕަށް ފޮނުވި، ބަޔާނުގައި ބުނެފައި ވަނީ، 45 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، މި މަހު 27 ވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިން ހުށަހެޅުމަށް އެ ބަޔާނުގައި ބުނެފައި ވެެވެ.

އެ ބަޔާން މީޑިއާ ގުރޫޕްގައި ހިއްސާ ކުރި ފަހުން، ޖައުންޝަން ފަހުން ވަނީ އެ ބަޔާން ޑިލީޓްކޮށްލާފަ އެވެ. އޭނާ ވިދާޅުވީ، ޑިލްޓްކޮށްލީ ކުށެއް އިސްލާހުކޮށްލަން ޖެހޭތީކަމަށެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވީ ބައްސާމް އަދީލް ޖަލީލެވެ. މިއީ އޭނާ އެ މަގާމު އަދާކުރައްވާ ދެވަނަ ދައުރެވެ. އެންމެ ފުރަތަމަ އޭނާ އެ މަގާމަށް އިންތިހާބުވީ 2016 ވަނަ އަހަރުއެވެ.

އެފްއޭއެމުން އިންތިހާބު ބާއްވާކަން އިއުލާންކޮށްފައި މިވަނީ، ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް، ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ފައްޓަވާފައިވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ކުރިއަށްއޮތް އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ޓޮމް ވާދަކުރައްވާނެކަން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް މީގެ ކުރިން ޓޮމް އިންތިހާބުވީ ނަމަވެސް، ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު ޓޮމްއަށް އެ މަގާމު ގެއްލިގެންދިޔައެވެ. އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު އިންތިހާބުވީ ޓޮމްއާ ވާދަކޮށްގެންނެވެ. އެ އިންތިހާބުން ޓޮމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު