ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން އެލްޖީއޭ އިން އަންގައިފި
ހުމާ ނަސީމް
03 މާޗް 2024 - 12:39
0 comments
ކެނދިކުޅުދޫ ކައުންސިލުގެ މެމްބަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު.
އުތުރުގެ އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށް ލޯކަލް ގަވަމެންޓު އޮތޯރިޓޯ (އެލްޖީއޭ) އިން އަންގައިފި އެވެ.ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރަަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.ތަފްސީލް - އެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ކެނދިކުޅުދުއަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ ސިޔާސީ ހަރަކާތްތަކެއް ގޮތަށް ސިފަވާ ގޮތަށް މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދަން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.ރައީސް މުއިއްޒުގެ ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް ކައުންސިލުގެ ބަޔާނުގައި ތުހުމަތުކުރި އެވެ."ރައީސްގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް އެންގުމުން ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ކެނދިކުޅުދޫ ކައުންސިލުން. ނަމަވެސް ހަފްލާގެ ވަކި ހިސާބަކުން ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެން ދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި، ރައީސް ނިސްބަތްވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅަކަށް،" ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުން ކުރުމަކީ ކަނޑައެޅިގެން ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެއް ކަމަށްވެސް ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.މީގެއިތުރުން ކެނދިކުޅުދޫ ކައުންސިލުން ބުނީ ކައުންސިލުގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ މި ހަފްލާ އިންތިހާބަށް ކެމްޕޭން ކުރުމުގެ މަގްސަދުގައި އިންތިޒާމު ކުރެވުނު ހަފްލާއެއް ކަމަށް ބެލެވޭތީ އެކަން ކުށްވެރި ކުރާ ކަމަށެވެ."ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫ އަރާނެ،" ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.އެ ބަޔާނާ ގުޅިގެން އެލްޖީއޭ އިން އެ ކައުންސިލުގެ ރައީސް، މުހައްމަދު ރައޫފަށް ފޮނުއްވި ސިޓީގައި ބުނީ ކައުންސިލްތަކަށް މަތިކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދިނުމަށް ސަރުކާރަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ޒިންމާގެ ތެެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ހިދުމަތްތަކާއި އެ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ."އެހެންކަމުން ކައުންސިލުގެ ނިންމުންތަކާއި ނޫސްބަޔާންތައް ވާން ވާނީ ކައުންސިލަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ގުޅިގެން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދާއިރާއިން ނެރެވޭ ނޫސްބަޔާންތަކަކަށެވެ،" އެލްޖީއޭގެ ޗީގް އެގްޒެކްޓިވް އޮފިސަރު މަރިޔަމް ޒުލްފާ ސޮއި ކުރައްވައި ފޮނުއްވި ސިޓީގައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު