ޚަބަރު
ކައުންސިލްތަކުން ނެރޭ ބަޔާނަކާ ގުޅިގެން ދެން ފިޔަވަޅެއް ނާޅާނަން: މިނިސްޓަރު
ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ރައީސް އޮފީސް
ކައުންސިލްތަކުން ނެރޭ ބަޔާނަކާ ގުޅިގެން ސަރުކާރުން ފިޔަވަޅު ނާޅާނެކަމަށް ކައުންސިލްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކެމްޕޭން ކުރައްވާ ކަމަށް ތުހުމަތުކުރައްވައި ނ. ކެނދިކުޅުދޫ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ. އެކަމަކު، ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އެ ކައުންސިލްގެ ބަޔާން ބާތިލުކުރަން އަންގައިފަ އެވެ.

އެ އެންގުން ގާނޫނާ ހިލާފު ކަމަށް ދޭހަވާ މޭރުމަކުން ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވާހަކަ ދައްކަވާފައިވާއިރު އެލްޖީއޭގެ އެންގުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލުން ބަޔާން ނެރުނުމުން އެ ބަޔާން ބާތިލްކުރުމަށް އެލްޖޭއޭއިން އެންގި މައްސަލައާ ގުޅިގެން ރައީސް ޑރ. މުއިއްޒު ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައިވާ ކަމަށެވެ.

އެގޮތުން، ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކުން ނެރޭ ބަޔާންތަކާ ގުޅިގެން ފިޔަވަޅު އަޅުއްވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގަ އަޅުގަނޑުމެންނެއް ކޮންމެހެން ކައުންސިލަކުން ކަމަކާ ގުޅިގެން ނެރޭ ބަޔާނަކާ ގުޅިގެންނެއް އިތުރަށް އަޅުގަނޑުމެންނެއް ކަމެއް ކުރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ އަށެވެ. އެ މައްސަލަ އެލްޖީއޭގެ ބޯޑަށް ނުގެންގޮސް، އަމިއްލަފުޅަށް ބަޔާން ބާތިލުކުރަން ކެނދިކުޅުދޫ ކައުންސިލަށް ނޭންގޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ބަންޑާރަނައިބު ވަނީ އެ މައްސަލައިގައި އެލްޖީއޭއިން އަމަލުކުރި ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، ގާނޫނުގައި އޮންނަނީ އިންކުއަރީއެއް ހެދުމަށްކަން އަންގައިފައެވެ. އެކަމަކު، ޒުލްފާ ވިދާޅުވީ، އެގޮތަށް އަމަލުނުކުރީ މައްސަލައިގެ ހައްސާސްކަމަށް ބެލުމަށް ފަހުގައި ކަމަށެވެ.

"އިންކުއަރީއެއް ފައްޓައިގެން ކުރިއަށްދާއިރުގައި އެ މައްސަލައިގެ މުއާލާތް އޮންނާނީ ކެނޑިފައި،" ސަބަބު ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އެލްޖީއޭގެ ބޯޑަށް ނުގެންގޮސް ސިޓީ ފޮނުއްވީ، ބޯޑު ބައްދަލުވުމެއް ދެން އޮންނާނީ މިމަހުގެ 29 ހިސާބުގައި ކަމަށްވެފައި، އޭރުން މައްސަލައިގެ މުއާލާތް ކެނޑޭނެ ކަމަށް ބެލެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަންޑާރަ ނައިބްގެ ފަރާތުން މިމަހުގެ ހަތް ވަނަ ދުވަހު އެ މައްސަލައިގައި އެލްޖީއޭއިން ކަންކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރިޔަސް، އަވަސް ފިޔަވަޅެއް އެޅީ ރައީސްގެ އަބުރުފުޅަށް ހުތުރުވާނެހެން އަމަލުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އެލްޖީއޭގެ ފަރާތުން އެ ސިޓީ ފޮނުވި ނަމަވެސް، އެ ބަޔާން ބާތިލު ނުކުރަން ކެނޑިކުޅުދޫ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު