ޚަބަރު
ފައިސާ ނެތްކަމަށް ބުނެ ސަރުކާރުން ދައްކަނީ ބަހަނާ: ސޯލިހު
"ބަހަނާ" ދެއްކި ނަމަވެސް، މިސަރުކާރުގައި ސިޔާސީ މަގާމުތަކަށް ދުވަހުން ދުވަހަށް މީހުން އައްޔަންކޮށް، އެ މަގާމުތަކުގެ އަދަދު ބޮޑުތަނުން ދަނީ މައްޗަށް ކަމަށާއި ފައިސާ ނެތިގެން އުޅޭ ސަބަބަކީ މި ސަރުކާރުން މުސާރައަށް ބޮޑު ހޭދައެއް ކުރާތީ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ފުރަތަމަ ދެ މަހު ކުރީ ސަރުކާރު މުސާރައަށް ހަރަދުކޮށްފައި ވާނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިއަހަރުގެ ޖެނުވަރީ އަދި ފެބްރުއަރީ މަހު މުވައްޒަފުންގެ މުސާރައަށް 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަން ހުރި މަދު މައުމޫލާތުތަކުގެ ތެރޭގައި މުސާރައަށް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި، 2023 ވަނަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 270 މިލިއަނާ 300 މިލިއަނާ ދެމެދުގެ އަދަދަކަށް ރުފިޔާ އިތުރަށް ހަރަދުކޮށްފި،" ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެ 300 މިލިއަން ރުފިޔާއަށް އެއާޕޯޓެއްގެ މަޝްރޫއު ފެށޭނެ ކަމަށާއި ބިން ހިއްކޭނެ ކަމަށެވެ.

ގައުމުގެ ކަންކަން ހަމަ މަގަށް އެޅުމަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ތިބެންޖެހޭ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

މި ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރާން ވައުދުވެފައެވެ. އެކަމަކު، މިހާތަނަށް ސަރުކާރަށް 300 އަށްވުރެ ގިނަ ސިޔާސީ ބޭފުޅުން އައްޔަންކޮށްފައިވާއިރު ސިޔާސީ ގޮތުން އައްޔަންކުރާ ގިނަ ބޭފުޅުން އައްޔަންކުރަނީ އެންމެ ބޮޑެތި މުސާރަތައް ލިބޭ މަގާމުތަކަށެވެ.

އެގޮތުން، ސަރުކާރުގެ ކެބިނެޓުގައި 22 ވަޒީރުން ތިއްބަވައެވެ. އޭގެ އިތުރުން، ވަޒީރު ފެންވަރުގައި 20 ބޭފުޅުން ތިއްބަވައެވެ. އަދި، ސްޓޭޓު މިނިސްޓަރު ފެންވަރުގައި 90 އަށްވުރެ ގިނަ ބޭފުޅުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 160 އަށްވުރެ ގިނަ ބޭފުޅުން ތިއްބަވައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު