ވިޔަފާރި
ދަނޑުވެރިންނަށް ހާއްސަކޮށް 15 މިލިއަން ރުފިޔާގެ ގްރާންޓް ސްކީމެއް ފަށަނީ
ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، 15 މިލިއަން ރުފިޔާގެ ސްކީމެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި މާލީ ވުޒާރާއާއި އެސް.ޑީ.އެފް.ސީންނެވެ.

އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމަކީ އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗުރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގަމުންދާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި 15،188،700ރ. ގެ މެޗިން ގްރާންޓެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއް ކަމަށެވެ.

"އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ސްކީމް އަމާޒުކޮށްފައިވަނީ މެޕްގެ ހަރަކާތްތައް ކުރިއަށް ގެންދާ ހއ.، ހދ. އަދި ށ. އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށް ބަޔާނުގައި ބުންޏެވެ.

"ގްރީން ހައުސްތަކުގައި ހައިޑްރޮފޯނިކްސް ސިސްޓަމް ގާއިމުކޮށްގެން ދަނޑުވެރިކަން ކުރަން ބޭނުންވާ ދަނޑުވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ގްރާންޓަށް އެދި ހުށަހެޅުމަށް ފަހުގެ ތާރީހެއްގައި އިއުލާނު ކުރެވިގެންދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮޖެކްޓުގައި ކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިޔުން ކަމަށް ވެސް ވުޒާރާ އިން ވަނީ ފާހަގަކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު