ޚަބަރު
ރާއްޖެ އަށް ބޭނުންވާ ކާނާގެ ބާވަތް އުފައްދާނެ ވަސީލަތް ގާއިމު ކުރަން ސޮއިކޮށްފި
ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ބޭނުންވާ ކާނާގެ ބާވަތް އުފައްދާނެ ވަސީލަތް ގާއިމް ކުރަން އެގްރިކަލްޗަރު އިކޮނޮމިކް ޒޯނެއް ގާއިމްކުރަން ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އަދި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑަކީ ސިނަމާލެ ބްރިޖު ހެދި ކުންފުންޏެވެ.

އެމްއައިޑީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ފަށާ މަސައްކަތެއް ކަމަށެވެ.

ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑު މަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމުކަން އެނގިގެންދެ އެވެ. ތާރީހީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ.

ދިވެހި ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިން ކޮށްފައިވީ ނަމަވެސް އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައެއް ނުވެ އެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ހިއްސާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ ދެ ޕަސަންޓަށް ވުރެވެސް މަދު އަދަދެކެވެ.

ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އުފެއްދުންތެރިކަމާއި، މާކެޓް ނިޒާމުތައް ބަލިކަށިވުމެވެ. މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އިގްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރާ، ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެގެންނެވެ. އަދި ބައިނަލްއަގްވާމީ ކާރިސާތަކާއި، ސަޕްލައިއަށް އަންނަ ހުރަސްތަކާއި، ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާ ބޮޑަށް ބަރޯސާވެފައިވާ ރާއްޖެއަށް ހުރި ނުރައްކާތައް އިތުރަށް ސާފުވެގެން ދިޔަ އެވެ.

އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިއްމު ފެށުމެކެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީހީ ގޮތުން ބަލާއިރު ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އޭއީޒެޑް ތަކަކީ މުހިއްމު ވިޔަފާރިއެކެވެ. 

ރާއްޖޭގައި އޭއީޒެޑް ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވާނެކަން ރައީސް އިއުލާންކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ފަހު އެވެ.

އޭއީޒެޑް މަޝްރޫއުގެ ތަފުސީލު

- ބިން ހިއްކުން.

- ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން.

- ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ހެދުން.

- ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ހެދުން.

- މި މަޝްރޫއާ އެކު ރާއްޖޭގެ ތަރުކާރީ އާއި މޭވާ އުފެއްދުމުގެ ބޭސްއެއް ހުންނާނެ.

- އެގްރިކަލްޗަރަލް ޓެލެންޓް ޓްރެއިނިން ބޭސްއެއް ހުންނާނެ.

- އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް ލޮޖިސްޓިކްސް ޑިސްޓްރިބިއުޝަން ސެންޓަރެއް ވެސް ހުންނާނެ.

"މާނައަކީ ދަނޑުވެރިންނާއި ޕްރޮސެސްކުރާ ފަރާތްތައް އަދި ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާ އެކު ވާށާޖެހޭ ހައްލެއް އެއްތަނަކުން ލިބިގެންދާ އެވެ،" އެ ކުންފުނިން ބުންޏެވެ.

އޭއީޒެޑް އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު