ޚަބަރު
ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި، މަރުވެެއްޖެ
ސްޓެލްކޯގެ ޓްރާސްފޯމަރުތަކަށް ގެއްލުން ދީފައި.
ހިޔާ ފްލެޓް ސަރަހައްދުގެ ޓްރާންސްފޯމަރެއްގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކަކަށް ކަމަށެވެ. އެގޮތުން، ހިޔާ ޓަވަރު 3 ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރޭގައި ކަރަންޓު ޖެހި، އަނިޔާތަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިފައިވަނީ ރޭ ފަތިހު 4:07 ހާއިރު ކަމަށް ފުލުހުން ވިދާޅުވި އެވެ.

ޓްރާންސްފޯމަރު ތެރެއިން މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ. ފުލުހުން ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެފައި މިވަނީ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަ އެ ކުންފުނިން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ބަޔަކު ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު މިއީ ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް،" ފަހްމީ ވިދާޅުވި އެވެ. 
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު