ދުނިޔެ
ޓައިވާނަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި
ޓައިވާނަށް ވަރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ޖަޕާނުގެ މީޓްރޮލޮޖިކަލް އެޖެންސީން ބުނީ މި ބިން ހެލުން އައިސްފައި ވަނީ 7.7 މެގްނިޓިއުޑް ބާރުމިނުގައި ކަމަށާއި، ސުނާމީގެ ރާޅުތަކުގައި 9.8 ފޫޓް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބިންހެލުމުގެ އަސަރު މުޅި ޓައިވާނަށް ކޮށްފައިވާއިރު، ބައެއް ގެތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެކި ސަރަހައްދުތަކުގައި ބިންގަނޑު ވެސް ވަނީ ކަނޑައިގެން ގޮސްފަ އެވެ.

މިހާތަނަށް ބިންހެލުމުގައި ބައެއް މީހުން މަރުވި ކަމަށް ރިޕޯޓް ލިބިފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މި ބިންހެލުމުގައި ހަތަރު މީހަކު މަރުވެ 97 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޓައިވާންގެ އިދާރާތަކުން ބުންޏެވެ.

ބިން އުސް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް އުސް ބައެއް އިމާރާތްތައް އޮތީ އަރިއަޅާފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ގިނައީ ބިންހެލުން އައި ހިސާބުގައި -- އުސް ތަންތަނުގައި ތިބި މީހުން ކަމަށް ޓައިވާންގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

ޓައިވާން އޮންނަ ސަރަހައްދަކީ އަދި ހާއްސަކޮށް ޖަޕާނަކީ ބިންހެލުމަށް ފަރިތަ ގައުމެކެވެ. ޖަޕާނަށް އަހަރަކު އެތައް ބިންހެލުމެއް އައި ނަމަވެސް އޭގެ އަސަރު ޓައިވާނަށް އަދި ފިލިޕީންސަށް ބިރުގަންނަ ވަރަށް ކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޓައިވާނަށް މިއަދު އައި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ބިރުން ޝޮކް ޖެހިފަ އެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުގައި ދިރިއުޅޭ މީހުން ރައްކާތެރި ތަންތަނަށް ދިއުމަށްވެސް ސަރުކާރުން ވަނީ އަންގާފަ އެވެ.

ޓައިވާނަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 1999 އަހަރު އެވެ. އެފަހަރު 7.4 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި އެ ގައުމުން 2،400 މީހުން މަރުވި އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު