ޚަބަރު
ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ: ސަރުކާރު
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ބުނެފި އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށެވެ.

އެހެންވެ، އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމާފައިވަނީ ގުޅީފަޅަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން، އެ ތަނަށް 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެ އެވެ.

އެ މިނިސްޓްރީން ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލް ހިއްސާކޮށް ފައެވެ.

  •  1250 އަކަފޫޓުގެ 193 ގޯތި
  •  1650 އަކަފޫޓުގެ 663 ގޯތި
  •  2050 އަކަފޫޓުގެ 487 ގޯތި
  •  2450 އަކަފޫޓުގެ 4 ގޯތި
ގިރާވަރުފަޅުން މި ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން ހަތެއް އޭޕްރީލްގެ ނިޔަލަށް ހިޔާވަހި ޕޯޓަލް -- ބިންވެރިޔާ ސްކީމުގެ ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި އަދަދަށް ވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާ ނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް ބުންޏެވެ. މި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު