ޚަބަރު
ގާނޫނީ ހަމަތަކުގެ މަތިން ހިންގާ ސިޔާސީ ހަރަކާތަކަށް ހުރަހެއް ނާޅާނެ: ސަރުކާރު
ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމާ، އަދި ސިޔާސީ ޙަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް މި ސަރުކާރުން ފަހިކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމުގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)  ޕާޓީން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން އުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެހީތެރިކަން ދިން ކަމަށް ސަރުކާރުން ބުނެއެވެ. 

އަދި ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައިދީފަ ކަމަށް ވެސް ރައީސް އޮފީހުން އާއްމުކުރި ލިޔުމެއްގައި ވަނީ ބުނެފައެވެ.

ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ހަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު މި ސަރުކާރުން ދާނީ ފަހިކޮށްދެމުންކަމަށާއި މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ހަރަކާތްތަކަށް ޖާގަދީގެން، ގައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ފަށަން ތައްޔާރުވި ނަމަވެސް, ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް, އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފަ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެޖަލްސާއަށް ވަޑައި ނުގެންނެވުުނު އިރު ޖަލްސާ ކަވަރު ކުރުމަށް އެ ސަރަހައްދަށް ދިޔަ ގިނަ ނޫސްވެރިންނަށް ވެސް އެތެރެއަށް ވަނުމުގެ ހުއްދަ ފުލުހުން ނުދެ އެވެ.

އެހެންވެ، ރާޅުގަނޑު ސަރަހައްދުގައި ކުރިން ނިއުޕޯޓް ހިންގި އިމާރާތުގެ ކައިރީ ޖަލްސާ ބާއްވާ ގޮތަށް ނިންމައި ޕީއެންއެފް މެންބަރުން ވަނީ އެތަނަށް ޖަމާވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު