ރިޕޯޓް
ހިތާދޫ ދާއިރާ ބަދަލުވެއްޖެ؛ ރައްޔިތުންނަށް ކަމުދަނީ ޑރ. އިކްލީލްގެ ސިޔާސަތުތައް
ހިތާދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. އިކުލީލް ޝަރީފް ސަޕޯޓަރުންނާއިއެކު
މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހިތާދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ސިއްހީ ދާއިރާގެ ހިދުމަތްތެރިއެއް ކަމުގައިވާ ޑރ. އިކުލީލް ޝަރީފްގެ ސިޔާސަތުތަކަށް އެދާއިރާގެ މެޖޯރިޓީ ރައްޔިތުންގެ ތާއީދު ލިބިފައިވާކަން ހާމަވެއްޖެ އެވެ.

ހިތާދޫ ދާއިރާގެ ރަށްތަކުގެ އާންމުންނާ "ރެންޑަމް" ކޮށް އިންޓަވިއު ކޮށް ބެލި ބެލުމުން މި ނޫހަށް އެނގުނު ގޮތުގައި އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ އިކުލީލެވެ. ސަބަބެއްގެ ގޮތުގައި ގިނަ އާންމުން ފާހަގަކުރަނީ އިކުލީލު އެކުލަވައިލެއްވި މެނިފެސްޓޯ އެ ބޭފުޅުންނަށް ކަމުދިޔުމެވެ. އެގޮތުން އިކުލީލުގެ މެންބަރުކަމުގައި މަޖިލިސް މުސާރަ ނުނަންގަވައި އެ ފައިސާ ދާއިރާގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ވަނީ ނިންމަވާފަ އެވެ. އެ ޕްރޮސެސް ކުރިއަށް ގެންދެވުމަށް ކޮމިއުނިޓީ ފަންޑެއް އުފައްދަވައި، އެ ފަންޑުން ދާއިރާގެ ރައްޔިތުންގެ ހެވާއި ލާބައަށް ގިނަގުނަ ހަރަކާތްތައް ރާވައި ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މަދަނީ، ފަންނީ އަދި މާލީ ޖަމިއްޔާ ޖަމާއަތްތަކާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކާއި ގުޅިގެން ދާއިރާގެ ރަށްރަށުގައި ތަރައްގީގެ ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް އިކުލީލުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

ޑރ. އިކުލީލަށް ވިދާޅުވީ ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށް، އިސްރަށްވެހިންނާއި ޅަދަރީންގެ މުސްތަގުބަލު އުޖާލާ ކުރުމަށް މާސްޓާޕްލޭނެއް ހެދިފައިވާކަމުގަ އެވެ.

"އަޅުގަނޑު މި އަންނަނީ ހިތާދޫ ދާއިރާގެ އަޑު މަޖިލީހުގައި އިއްވައި، އެދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހުގަ. އަޅުގަނޑުގެ ގޮނޑި ކުރިމަތީ މޭޒުގައި ބެހެއްޓިފައި ހުންނާނީ ދާއިރާގެ ރައްޔިތުންގެ ވޯޓު ބަޓަނެއް. އެއަށް ފިތާނީ ދާއިރާގެ ރައްޔިތުން. އަޅުގަނޑުގެ ވިޕްލައިނަކީ ރައްޔިތުންގެ ވިޕްލައިން. މިއީ ހިތާދޫ، ދަރަވަންދޫ އަދި މާޅޮހުގެ ކެންޑިޑޭޓް." އިކްލީލު ވިދާޅުވި އެވެ.

ސިއްހީ މަރުކަޒު ތަކުން 24 ގަޑިއިރު ހިދުމަތް ދިނުމަށްޓަކައި ވަސީލަތްތައް އިތުރުކުރުމާއި، ދާއިރާގެ ރަށްތަކުގައި ސިޓީ ހޮޓާތަކާއި، ގެސްޓްހައުސްތައް އިތުރުކުރުކޮށް، ސީދާ ރަށަށް އާމްދަނީ ވަންނާނެ އައު ގޮތްތައް ތައާރަފްކުރުމަކީ އިކުލީލުގެ މެނިފެސްޓޯގައި ހިމާނަފައިވާ ބައެއް ސިޔާސަތުތަކެވެ. އަދި ކުއްލި ބޭސްފަރުވާއަށް މާލެއަށް އަންނަ ފަރާތްތަކަށް ހާއްސަ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީވެސް އިކުލީލުގެ ސިޔާސަތެކެވެ.

އިކުލީލު އަށް އޮތް އެންމެ ބޮޑު ޔަގީންކަމަކީ މިިދިޔަ ދުވަސްތަކުގައި ސިއްހީ ކަންކަމުގައި އެތައް ހާސް ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މީހުންގެ އިތުބާރެވެ. އެ މީހުންގެ މީހެއްގެ ގޮތުގައި ބަލައިގެންފައިވާ ކަމެވެ. 

"އަޅުގަނޑު ރައްޔިތުންނަށް ދޭ ޔަގީން ކަމަކީ، ރައްޔިތަކު ކަމެއް ޖެހިގެން އަންނަ ދުވަހު އެކަމެއް ކޮށްދިނުމަށް އެންމެ ފުރަތަމަ ކައިރީ ހުންނާނެ މީހަކަށް ވާނެކަން. ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނާ އެކު މަސައްކަތް ކުރާނެކަން." އިކްލީލު ވިދާޅުވި އެވެ. "އަޅުގަނޑުގެ މުޅި އަމާޒަކީ ދާއިރާއަކީ ވަރަށް ތަނަވަސް ވަރަށް ހިތްހަމަޖެހޭ ވަރަށް ފާގަތި ދާއިރާއަކަށް ހެދުން. ރާއްޖޭގެ އެހެން ދާއިރާތަކަށް ނަމޫނާ ދާއިރާއަކަށް ހެދުން. އަޅުގަނޑަށް އެ ޔަގީންކަން އެބަ އޮތް." 

ޑރ. އިކްލީލަކީ ރާއްޖެއިން ބޭރުން ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން އެބޭފުޅާ ވަނީ ސިއްހީ ދާއިރާއިން އަރުތަވެރިންނާއި، ފަންނުވެރިން ބިނާކުރުމުގަައި ވޭތުވެދިޔަ 25 އަހަރު ހިލޭ ސާބަހަށް އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ އަދި މިހާރުވެސް ހިދުމަތުގައި ދެމި ހުންނެވި މުވާތިނެކެވެ.

"ގައުމެއް، ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ކުރިއަށް ދެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލިސް ހިންގަން ޒިންމާދާރު ބަޔަކު ތިބެގެން." 


ކިޔުންތެރިންގެ ޝުއޫރު
50%
0%
0%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު