ޚަބަރު
ނ، ރ، އަދި ބ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ
މުލަކުއަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމާއި ނ. ރ. އަދި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ހިދުމަތް ފަށަން މާލޭގެ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަމީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި ހިދުމަތުގެ ދަށުން މ. އަތޮޅާއި މާލެއާ ދެމެދު ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހު އެވެ. އެ ހިދުމަތަށް ނަގާ އަގަކީ 450ރ. އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ، މިހާރު އެމްޓީސީސީގެ އާރުޓީއެލް ދަތުރުތައް އަތޮޅުތަކުގެ ތެރޭގައި ކުރަމުން ދިޔަ ނަމަވެސް، މ. އަތޮޅުން މާލެ އައުމުގެ ދަތިކަން ރައްޔިތުންގެ ފަރާތުން ޝަކުވާއެއްގެ ގޮތުގައި ލިބޭ ކަމަށެވެ.

"މ. އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ރައީސް ނިންމެވީ މި ވަގުތު ދެވެން އޮތް ފެސިލިޓީގެ ތެރެއިން ސަރުކާރުން އެންމެ ރަނގަޅަކަށް ގާއިމް ކުރުމަށްޓަކާ ސަރުކާރުން އެމްޓީސީސީއާ ވާހަކަ ދައްކައި، އަދި އެމްޓީސީސީއަށް މި ދަތުރުތަކަށް ދޭންޖެހޭ ސަބްސިޑީ ދިނުމަށް ފަހު އެގްރިމަންޓެއްގައި ސޮއި ކުރަން." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މ. އަތޮޅަކީ ރާއްޖޭގައި އެއާޕޯޓެއްގެ ހިދުމަތް ނުފެށި އޮތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެ އަތޮޅު މުލީގައި ސަރުކާރުން ގާއިމްކުރާ އެއާޕޯޓު ނިންމައި ހިދުމަތް ފެށުމަށް އަމާޒު ހިފާފައި ވަނީ މި އަހަރުގެ ޖުލައި 26 ގެ ނިޔަލަށެވެ.  

އެމްޓީސީސީން ބުނެފައިވަނީ މުލަކުއަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމުން އަދި ނ. ރ. އަދި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމުން މި އަތޮޅުތަކުގައި ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށޭނެ ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ އާރްޓީއެލް ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އަދި އާރްޓީއެލް ފެރީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ތަމްރީނުތައް ދެވެމުންދާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު