ވިޔަފާރި
އައްޑޫ ބިޒްނެސް ޑައިލޮގް މިއަދު ފަށައިފި
އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ އައްޑޫ ބިޒްނެސް ޑައިލޮގް ފަށައިފި އެވެ.

އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ކުރިމަގުގައި ދުނިޔެއަށް އަންނަ ޑިޖިޓަލް ކުރިއެރުމުގައި އައްޑޫ އަކީ މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށެވެ. އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް އައްޑޫގައި ގާއިމް ކުރަން ގޫގުލްއިން ނިންމާފައިވާތީ އެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓާއެކު އައްޑޫ ވެގެންދާނީ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޑިޖިޓަލް ސެންޓަރަކަށް ކަމަށެވެ. 

މިމަހުގެ 13 އިން 14 އަށް ކުރިއަށް ގެންދާ މަހާސިންތާގެ ތެރެއިން އައްޑޫގެ އިގުތިޞާދީ މާހައުލު ވަޒަން ކުރުމަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން ހާއްސަ އިނާޔަތްތައް ދެވޭނެ ދާއިރާތައް ކަނޑައެޅުމަށް ބައިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ސެޝަންތަކެއް މި މަހާސިންތާގެ ތެރެއިން ކުރިއަށްދާނެ އެވެ. 

މީގެ އިތުރުން ޓެކުހާއި ގުޅޭ ލުއިތަކާއި އަދި ވިޔަފާރިތަށް ފެށުމަށް އެކި މާލީ އެހީގެ ނިޒާމުތަކާއި ގުޅޭ މުހިންމު މައުލޫމާތު ހިއްސާކުރެވޭނެ އެވެ. އަދި މިކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ އެކި އިދާރާތަކަށް ހުށަހެޅުމަށް ފުރުސަތު މަހާސިންތާގެ ތެރެއިން ކުރިއަށްދާނެ އެވެ.

އިގުތިސާދީ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މި މަހާސިންތާގައި އެ ވުޒާރާގެ އިސްފަރާތްތަކުގެ އިތުރުން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ވުޒާރާއާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އަދި މި ވުޒާރާތަކުގެ ދަށުން ހިންގާ ވިޔަފާރިއާއި ގުޅުންހުރި އެކި އިދާރާތަކުން ބައިވެރިވެ އެވެ. މީގެ އިތުރުން މީރާއާއި ބޭންކުތާކާއި އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބައިވެރިވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު