އައްޑޫ ފޭދޫ ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާވިހަވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބަލަން ފަށައިފި އެވެ. 
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުގައި ކެޑޭޓާއި އެހެނިހެން ޔުނިފޯމް ހަރަކާތްތަކުގެ ކޭމްޕްތައް އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރެއިން ފޭދޫ ސްކޫލުގައި ބޭއްވި ކޭމްޕުގައި ބައެއް ކުދިންގެ ފަރާތުން ވަނީ ހޮޑުލުމާއި ބޭރަށްހިންގުމުގެ އަލާމާތްތައް ފެނިފައެވެ.އައްޑޫގައި ހިނގާދިޔަ މި ހާދިސާ ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ. އަދި މިބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ބައްޓަންކޮށް ބަލަހައްޓަމުން ގެންދެވުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.މީގެ އިތުރުން، މި ހާދިސާގައި ކާނާ ވިހަވެގެން ސިއްހީ ފަރުވާ ހޯދަމުންދާ އެންމެހާ ދަރިވަރުންނާއި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.އެޑްމިޓްކޮށްގެން ފަރުވާދެމުން އައި ނަމަވެސް އެ ކުދިން ކާނާވިހަވީ ކޯޗަކަށް ކަމެއް ނޭނގެ އެވެ. އަދި ކޭމްޕަށް ކެއުން ފޯރުކޮށްދިން ފަރާތުގެ މައުލޫމާތެއް ސާފެއް ނުވި އެވެ.