އަބްދުﷲ މައުރޫފް
10 ސެޕްޓެމްބަރ 2026 - 13:38
0 comments
ވިއްސާރަ ކުރި ދުވަހެއްގައި މީހަކު ކުޑައެއް ނަގައިގެން މާލޭގެ މަގަކުން ހިނގާފައި ދަނީ - ފޮޓޯ: މިހާރު
ރާއްޖެ މަތީގައި މި ދުވަސްވަރު އުފެދެމުންދާ ވިއްސާރަ ވިލާ ގިނަވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ. 
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.މެޓުން ބުނީ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައިޓް އެލާޓް ނެރުނު އިރު، މި ދުވަސްވަރަކީ ރާއްޖެ އަށް ހޫނުގަދަ ދުވަސްވަރެއްކަން ފާހަގަކޮށްލެވެ އެވެ. އަދި އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ނޮވެމްބަރު މަހާ ހަމައަށް ހޫނު ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ 12 ވަނަ ނަކަތް، އުތުރަ ނަކަތުގެ ހަތަރުވަނަ ދުވަހެވެ. އިހުގެ އާންމު ބަހުރުވައިން ނަމަ މި ނަކަތުގައި ހަޅަޖަހާނެ އެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.