ލަމްޔާ އަޙުމަދު
26 ސެޕްޓެމްބަރ 2019 - 13:03
0 comments
އިންޑޮނީޝިއާގެ މަލުކޫ އައިލެންޑަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެ އިތުރު މީހަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ރިކްޓާ މިންގަނޑުން 6.5 ގެ ބާރުމިނުގައި އައި ބިންހެލުމުގައި އިމާރާތްތައް ބިމާހަމަވެ އެތައް ބަޔަކު ވަނީ ބިރުން މަގުތަކަށް ނުކުމެފަ އެވެ. ރެސްކިއު އޮފިޝަލަކު ބުނީ ބިންހެލުމުގައި މީހަކު މަރުވީ ސަލާމަތްވުމަށް ސައިކަލުގައި އުސް ދިމާލަކަށް އަރަނިކޮށް، ވެއްޓި ކަމަށެވެ. ގެއްލިފައި ވަނީ ބިންގަނޑު ދަށުވި މީހަކު ކަމަށް ވެސް އޭނާ ބުންޏެވެ.
ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އަމްބޮން ސިޓީގެ މީހުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީވާ މަންޒަރުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައިސްފައި ވަނީ މަލުކޫ ޕްރޮވިންސްގެ އެމްބޮން ސިޓީގެ އިރުއުތުރުން 37 ކިލޯ މީޓަރު ދުރަށް ކަމަށެވެ.
"އަހަރެމެން ނިދާފައި ތިއްބާ ކުއްލިއަކަށް ގޭ ތެޅެން ފެށުމުން ހޭލެވުނީ. އެއީ ވަރަށް ބާރުގަދަ ބިންހެލުމެއް،" އެމްބޮންގެ ރިޕޯޓަރަކު ބުންޏެވެ.
ބިންހެލުން އައި ނަމަވެސް ސުނާމީއެއް އުފެދިދާނެކަމުގެ ނުރައްކަލެއް ނެތް ކަމަށް އިންޑޮނީޝިއާގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ބުންޏެވެ.